ކުއްލި ހަބަރު
ފުރަތަމަ ސަފުހާ / އަރުޝީފު / ދަނބިދޫ ލޯމާފާނު

ދަނބިދޫ ލޯމާފާނު

Dhanbidhoo-Loamaafaanu

 

ނަސީމާ މުހައްމަދު / ހަވީރު އޮންލައިން / 11 ފެބުރުއަރީ 2012

މިހާރު އަޅުގަނޑުމެންނަށް ފެންނަން ހުރި ތާރީޚީ ދިވެހި ލިޔުންތަކުގެ ތެރެއިން، އެންމެ އިތުބާރު ކުރެވޭ، އެންމެ ގިނަ ދުވަސްވީ ލިޔުންތަކަކީ ރަސްމީ “ފަތްކޮޅު” ގެ ގޮތުގައި، ލޯ ފޮތިތަކެއްގައި ރަދުންގެ ބަސްފުޅުތައް ލިޔެފައިވާ ލޯމާފާނުތަކެވެ. މިފަދަ ލޯމާފާނުތަކުގައި ލިޔެފައި ހުންނަނީ އެކި ރަސްކަލުން އާރާސްތުކުރައްވާފައިވާ މިސްކިތް ފަދަ މުޤައްދަސް ތަންތަނަށް ވަޤުފުކުރައްވާފައިވާ ތަންތަނާއި، މިފަދަ ތަންތަން ބެލެހެއްޓުމަށް ޚާއްޞަ ކުރައްވާފައިވާ ބިންބިމާއި ރުއްގަހެވެ. މިފަދަ ކަންތައްތައް ކޮށްދެއްވާފައިވާ ރަސްރަސްކަލުންގެ މަތިކޮޅާއި އެ ބޭބޭފުޅުންގެ ޚިދުމަތްތައް ވެސް ލޯމާފާނުތަކުގައި ހިމަނާފައި ހުރެ އެވެ. އެހެންކަމާ އެކު އެ ދުވަސްވަރުގެ އާދަކާދައާ ބެހޭ ބައެއް މަޢުލޫމާތު ވެސް ލޯމާފާނުން ލިބެ އެވެ. އިހު ޒަމާނުގައި ކޮންމެ މިސްކިތަކަށް ލޯމާފަނެއް އޮތް ކަމަށް އަޅުގަނޑުމެން އަހާފައިވެ އެވެ.

އަޅުގަނޑަށް ޚިޔާލު ކުރެވޭ ގޮތުގައި، ޒަމާންވީ މި ލިޔުންތަކުގެ ޒަރީޢާ އިން އަޅުގަނޑުމެންނަށް އެ ޒަމާނުގެ ދިވެހިންގެ ދިރިއުޅުން ބަލައިލާނެ “ކުޑަ ދޮރެއް”، ހުޅުވާލެވެ އެވެ.

ދިވެހިބަސް ފޮތުގައި ވިދާޅުވެފައިވާ ގޮތުގައި، ލޯމާފާނަކީ، “ރަދުންގެ އަމުރުފުޅުތަކާއި ތާރީޚީ ވާހަކަތައް ލިޔުމަށް ލޮއިން ނުވަތަ އެނޫން ވެސް ވިރިކެކޭ މަޢުދަނަކުން ހަދައިފައި ހުންނަ ހަނި ދިގު ފޮތިތަކެކެވެ.” ލޯމާފާނު ނުވަތަ “މާލޯފާނު” މި ފަދައިން ލިޔެފައި ހުންނަނީ މަޢުދަނެއްގައި ކަމަށް ވާތީ، ދިވެހިން ޢާއްމުކޮށް ލިޔުމަށް ބޭނުންކޮށް އުޅުނު އެހެނިހެން ތަކެތި ފަދައިން ހަލާކުވެ ނުގޮސް، ބައެއް ލޯމާފާނު މިހާރު ވެސް ފެންނަން އެބަ ހުއްޓެވެ. މި ތަކެއްޗަށް އިހު ޒަމާނުގައި “ތާމްބްރަމާފާނު” މި ނަމުން ވެސް ކިޔައި އުޅުނެވެ. ސާންސްކިރިތުން މި ލަފްޒުގެ މާނައަކީ ރަތުލޯގައި ލިޔެފައިވާ ރަސްމީ ފަތްކޮޅެކެވެ. ޝީޓު ޝީޓަށް ހުންނަ ރަތުލޮޔަށް ވަރަށް ފަހަކާ ޖެހެންދެން ވެސް ދިވެހީން ކިޔައި އުޅުނީ “ތާންލޯ” މިފަދައިންނެވެ.

ލޯމާފާނެއްގައި ލިޔެފައި ހުންނަ މަޢުލޫމާތާއި އެ ލިޔުމެއްގެ ޒަމާނުގެ އާދަކާދަ ހުރި ގޮތާއި އަދި އެޒަމާނުގެ ދިވެހިބަހާއި ލިޔުން ހުރި ގޮތް އެނގިގެން މެނުވީ، މިލިޔުމުގެ އެންމެ މުހިންމު ކަންތައްތަކެއް އޮޅުމެއް ނުފިލަ އެވެ. އެހެންކަމާ އެކު، އަޅުގަނޑު ދެކޭ ގޮތުގައި މިފަދަ މަސައްކަތެއް އެންމެ ރަނގަޅަށް ކުރެއްވޭނީ ދިވެހި ބޭފުޅަކަށެވެ. ދަނބިދޫ ލޯމާފާނު ދެ ފަހަރެއްގެ މަތިން ވަނީ ތަރުޖަމާ ކުރެވިފަ އެވެ. ސްރީ ލަންކާގެ ފަރާތަކާއި، މަރުޙޫމް ޢަލީ ނަޖީބެވެ. އަޅުގަނޑު މި ބަލައިލަނީ މަރުޙޫމް ޢަލީ ނަޖީބު ކުރައްވާފައިވާ ތަރުޖަމާ އަށެވެ.

ދަނބިދޫ ލޯމާފާނު ލިޔެފައިވަނީ ކީރިތި ރަސޫލާ ސުވަރުގެ ވަޑައިގަތުމުގެ ފަހުން އައި 583 ވަނަ އަހަރުގެ ތެރޭގައި ކަމަށް އެ ލޯމާފަނުގައި ލިޔެފައިވެ އެވެ. ހިޖުރީ ސަނަތުން މިއީ 593 ވަނަ އަހަރެވެ. މި ލޯމާފާނުގައި ބަޔާންކޮށްފައިވާ ޙާދިސާ ހިނގައިފައިވަނީ، ސިރީ ގަޑަނާދީއްތަ މަހާރަދުންގެ ރަސްކަމުގެ ހަތަރު ވަނަ އަހަރުގެ ތެރޭގަ އެވެ. މީލާދީ ސަނަތުން މިއީ ނޮވެމްބަރު 1196 އާއި ނޮވެމްބަރު 1197 އާ ދެމެދުގެ ދުވަސްވަރެކެވެ.

ދަނބިދޫ ލޯމާފާނުގައި ވަނީ ދިގުމިން 11 އިންޗި، ފުޅާ މިން 2 އިންޗި ހުރި، 15 ލޯ ފޮތްޗެވެ. ފޮތިތަކުގައި ވަނީ، ފޮތެއްގެ ޞަފްޙާތަކުގައި ފަދައިން ނަންބަރު ޖަހާފަ އެވެ. ނަންބަރު ޖަހާފައިވަނީ އިހުގެ ދިވެހި ހިސާބު އަކުރުންނެވެ. ޞަފްޙާތައް އެނގެން ހުރުމާ އެކު، މީގައި އޮންނަންވާ 14 ނަންބަރު ފޮތި މަދުވާ ކަން ވެސް އެނގެ އެވެ.

މި ލޯމާފަނު ލިޔެފައިވަނީ، ވަރަށް ރީތި ސާފު ލިޔުމަކުން، އެވޭލާ އަކުރުންނެވެ. އޭގެ ކުރީގެ ޒަމާނެއްގައި ހިރިގަލުގައި ލިޔެފައި ހުރި އެވޭލާ އަކުރުގެ ލިޔުންތަކަށް ވުރެ އަކުރުތަކުގެ ސިފަތައް ރީތިވެ، ތަރައްޤީވެފައިވެ އެވެ. މި ލޯމާފާނަކީ ބޮޑުގަލުމިސްކިތު ލޯމާފާނަށް ވުރެ ގާތްގަނޑަކަށް 160 އަހަރު ކުރީގެ ލިޔުމެކެވެ. ބޮޑުގަލުމިސްކިތު ލޯމާފާނަކީ އަކުރުތަކުގެ ސިފަ އެވޭލާ އަކުރުން ދިވެސް އަކުރަށް ބަދަލުވާން ފަށާފައިވާ ދުވަސްވަރުގެ ލިޔުންތަކުގެ ތެރެއިން 1922 ގައި މރ. ބެލް ދެކިލައްވާފައިވާ ފުރަތަމަ ލިޔުމެވެ. މި ލިޔުން ބަލައިލުމުން ދޭހަވަނީ، މި ލޯމާފާނުގައިވާ އަކުރަކީ، އެވޭލާ އަކުރު އެންމެ ރީތިކޮށް ލިޔެއުޅުނު ދުވަސްވަރުގެ އަކުރު ކަމެވެ. މި ލޯމާފާނުގެ ފުރަތަމަ ޞަފްޙާގައިވާ، ރަދުންގެ ސިއްކަފުޅުގެ ތެރޭގައްޔާއި، އަދި ފަހަތުން ދެވަނަ ޞަފްޙާގައި، “ނާގަރީ” އަކުރުގެ ބާވަތްތަކުގެ ތެރެއިން “ޕާލާ” ކިޔުނު ބާވަތެއްގެ އަކުރުން ދެ ތަންކޮޅެއް ލިޔެފައިވެ އެވެ. މި ލޯމާފާނު ހެކިދޭ ގޮތުގައި، މި މުހިންމު ލިޔުމަކީ ތިލަދުންމަތީ ތީފަރިދޫގެ “ދިންސުރިސިރު” ނަމަކަށް ކިޔުނު ފަޑިއަތް ބޭކަލެއް، ގަޑަނާދީތަ ރަދުންގެ އަމުރުފުޅަށް ލިޔުއްވި ރަސްމީ ލިޔުމެކެވެ. މި ލިޔުމުގައި ހެކީންގެ ގޮތުގައި، އެއިރުގެ ދައުލަތުގެ މަތީ ފެންވަރުގެ ބޭފުޅުންގެ ނަންފުޅު ލިޔެފައި އެބަ ހުއްޓެވެ.

މީގައި ބަޔާންކޮށްފައި ވަނީ، މީލާދީން 1196 ވަނަ އަހަރު ގަޑަނާދީއްތަ ރަދުން )ދިނެއި ކަލަމިންޖާ( ދަނބިދޫ އިސްލާން ކުރެއްވި ޙާދިސާ އެވެ. މީލާދީން 1153 ވަނަ އަހަރު ރާއްޖޭގެ ރަދުން އިސްލާމް ވެވަޑައިގަތުމާ އެކު، ރާއްޖޭގެ ދީނަކީ މާތްވެގެންވާ އިސްލާމް ދީން ކަމަށް ހަމަޖައްސަވައި، ފަތްތޫރަ ހިންގަވާފައި ވީ ނަމަވެސް، ދަތުރުފަތުރުގެ ދަތިކަމާ އެކު، ހުރިހާ ރަށްރަށަށް އެދީން ފެތުރުއްވެވުމަކީ މާ އަވަހަކަށް ކުރެއްވުނު ކަމެއް ނޫނެވެ. އިސްދޫ އިސްލާން ކުރައްވާފައި ވަނީ މީލާދީން 1195 ވަނަ އަހަރު އެވެ. ހައްދުންމަތީގެ އިސްދޫ، ދަނބިދޫ، ގަން، މުންޑޫ، މި ރަށްރަށަކީ ބުޑިސްޓު ދީނުގެ ބޮޑެތި ވޭރުތައް )ފައްޅި ހިމެނޭ އެކުވެނި( ހުރި ރަށްރަށެވެ. އެ ދީނަކީ 1400 ވަރަކަށް އަހަރު ވަންދެން ދިވެހިރާއްޖޭގައި އޮތް ދީން ކަމަށް ވުމާ ވެސް އެކު، އެ ދީނުގައި ތިބި މީހުން އިސްލާންކުރުމަކީ ފަސޭހަ ކަމަކަށް ނުވި އެވެ. އެހެންކަމާ އެކު، އެ ޒަމާނުގައި ރަށްރަށް އިސްލާން ކުރެއްވުމުގައި ވަރުގަދަ ހަނގުރާމަތައް ވެސް ހިނގާފައިވާ ކަމަށް، ބައެއް ރަށްރަށުގައި އެކި ގޮތްގޮތަށް ވަޅުލާފައިވާ، ގިނަ ޒަމާން ވެފައިވާ މިނިކަށިތަކާއި އަދި ތުންތުންމަތިން ވާރިދުވެފައިވާ ވާހަކަތަކާއި ބައެއް ލޯމާފާނު ވެސް ހެކިދެ އެވެ. ވޭރު ހުރި ރަށްރަށާ އެހެން ރަށްރަށާ ކައިރިވުމާ އެކު، ވޭރުގައި ތިބި ހާމުދުރުންގެ އެހީ އެހެން ރަށްރަށުގެ މީހުންނަށް ކައިރިން ފޯރުވައި ދިނުމަކީ ފަސޭހަ ކަމަކަށް ވެފައިވާނެ އެވެ. އެ ޒަމާނުގެ ނިސްބަތުން، ދުރުގައި އޮތް ފުރަމާލޭން ރަދުންގެ ވިދާޅުބަސްފުޅު ހައްދުންމައްޗާ ހަމައަށް ގެންދިޔުމުގައި ވެސް، އެ ޒަމާނުގައި އެތައް ދަތިތަކެއް ހުންނާނެ އެވެ.

މި ލޯމާފާނުން ލިބޭ މަޢުލޫމާތަށް ބަލައިލާއިރު އެނގޭ ގޮތުގައި، ދަނބިދޫގައި އެއިރު އޮތީ ބުޑިޒަމް އެވެ. ވޭރެއް ހުއްޓެވެ. އަދި ހާމުދުރުންގެ ޖަމާޢަތެއް ވެސް އޮތެވެ. ސިރީ ގަޑަނާދީއްތަ މަހާރަދުންގެ އަމުރުފުޅުގެ ދަށުން، މި ވޭރު ނައްތާލައްވައި، ބުދުތައް މުގުރުއްވައި، ހާމުދުރުންގެ ޖަމާޢަތް އުވާލައްވައި، ކާފަރު ހާލުގައި ތިބި އެންމެން އިސްލާންކުރެއްވި އެވެ. އަދި އިސްލާންދީނުގެ އުޞޫލުތައް ޤާއިމްކުރައްވައި، އެ އުޞޫލުތަކާ އެއްގޮތަށް ކަންތައް ހިންގާނޭ ގޮތް ހަމަޖެއްސެވި އެވެ.

ދަނބިދޫ އިސްލާން ކުރެއްވުމަށް ފަހުގައި، ވޭރަށް ކުރިން އޮތް ބިންތަކުގެ ތެރެއިން ބިމަކުން، އެންމެ ރަނގަޅު ހިސާބު ބައްލަވައި، އެތާނގައި ދަނބިދޫގެ ފުރަތަމަ މިސްކިތުގެ ބިންގައު އެޅުއްވި އެވެ. މިސްކިތް އެޅުއްވުމަށް ފަހުގައި، އެތަން ހިޔާކުރައްވައި، ދިދަދަނޑި ޖައްސަވައި، މިމްބަރު ބެހެއްޓެވި އެވެ. މިސްކިތުގެ އިމުގެ ހަތަރު ފަރާތުން ފާރު ލެއްވި އެވެ. މި މިސްކިތަށް ނަން ދެއްވީ “ޖުމާ މިސްކިތުގެ” ނަމުންނެވެ. މިސްކިތް ބިނާކުރެއްވުމަށް ފަހު، އެތަން ބެލެހެއްޓޭނެ ގޮތް ހަމަޖެއްސެވި އެވެ. ރާއްޖޭގެ އެކި ހިސާބުގެ ރަށްރަށާއި ބިންބިމުން ބޯގަ ލައްވައިދެއްވި އެވެ. މިސްކިތުގެ ފުރާޅު އައުކުރުމަށް ފަން ލިބޭނޭ ގޮތް ހަމަޖައްސަވައި ދެއްވައި، ސާފުކޮށް ބެލެހެއްޓުމަށް ވަކި ޢާއިލާތަކެއްގެ މީހުން ވެސް ހަމަޖެއްސެވި އެވެ.

މި ލޯމާފާނުގެ ލިޔުންތެރިކަމާ ބެހޭ ގޮތުން އެއްޗެއް ދަންނަވާ ނަމަ، ފުރަތަމަ ދަންނަވާލަން ޖެހެނީ، މި ލޯމާފާނު ލިޔެފައިވަނީ ވަރަށް ކުރީގެ ދިވެހިބަހުން ކަމަށެވެ. މިހެންވުމާ އެކު، ވަރަށް ގިނަ ލަފްޒުތައް ގާތްކުރަނީ ދިވެހިބަހުގެ ފުރަތަމަ އަޞްލުކަމަށް ބައެއް މާހިރުން ވިދާޅުވާ ސާންސްކިރިތް ބަހާ އެވެ. އެ ލަފުޒުތައް މިހާރުގެ ގޮތަށް ބޭނުންކުރާއިރު ވަނީ ވަރަށް ބޮޑަށް ބަދަލުވެ ތަރައްޤީވެފަ އެވެ. އަދި ބައެއް ލަފުޒުތަކުގެ މާނައަށް ވެސް ބަދަލު އައިސް، އިހަށް ބޭނުންކުރި ގޮތަށް އެ ލަފްޒުތައް މިހާރު ބޭނުން ނުކުރެވޭ ވަރަށް ބަދަލުވެފައިވެ އެވެ. މިސާލަކަށް ދަންނަވާ ނަމަ، “ކަލައިދުވު ތިބި މާވަލު ވައްތެ ވަންނަ ފަގާއި”، މި ޢިބާރާތަށް ބަލާއިރު، މީގައި މިބުނަނީ، ކަލައިދޫގައި މާވަލު ވައްތެ އަށް ވަންނަ ފަގު އޮތް ވާހަކަ އެވެ. މިފަދަ ތަނެއްގައި “ތިބި” މި ލަފްޒު މި މާނައިގައި މިހާރު މަދުމަދުން ބޭނުންކޮށް އުޅެނީ ރާއްޖޭގެ ދެކުނުގައި ކަމަށް މަޢުލޫމާތު ލިބެ އެވެ. އަޅުގަނޑުމެންނަށް އެނގިފައިވާ ގޮތުގައި، އިހުގެ ދިވެހި ބަހަށް ބޭރުގެ ނުފޫޒުތައް އެންމެ ކުޑަކޮށް ފޯރާފައިވަނީ ދެކުނުގެ އަތޮޅުތަކުގަ އެވެ. ވުމާއެކު އެ ހިސާބުގައި ގެންގުޅޭ ބަހަށް ބަދަލު އައިސްފައިވާލެއް ނިސްބަތުން ކުޑަ އެވެ.

މި ލޯމާފާނުގެ ލިޔުންތަކުގެ މާނަ ކިޔައިލުމުން، މި ލިޔުން ލިޔުއްވި ބޭފުޅެއްގެ ޢިބާރާތްތަކުގެ ރީތިކަމާއި، ފަށުވިކަމާ މެދު ޙައިރާންވާން ޖެހެ އެވެ. މި ލިޔުމުގައި ގަޑަނާދީއްތިޔަ ރަދުންނަށް ނިސްބަތްކޮށް ލިޔެފައިވާ ތަޢުރީފުގެ ބަސްތައް މިރޮނގުން ޚާއްޞަ ކޮށް ފާހަގަކޮށްލަން ޖެހެ އެވެ:

“ރަތުރަން ފަދަ އުޖަލާ އެންމެންގެ މެދުގައި މަޤްބޫލު ކަލަމިންޖާ އެވެ. ފުރިހަމަ އެއް ލައްކަ ޖަޒީރާ ރައްކައުތެރި ކުރައްވައި، އެއް ގޮތެއްގައި ސާބިތުވެ ހުންނަވާ މާތް ސާހިބާ އެވެ. ވަގުތުން ޖެހޭ ކަންތައްތައް ވަގުތުން ކޮށްދެއްވާ 15 ވިލޭރޭގެ ހަނދެވެ. އެންމެންގެ ރުހުން ލިބިވަޑައިގަންނަވާ ފަދަ ސިފަ އާއި ގޮތް ލިބިވަޑައިގެންވާ ކަލަމިންޖާ އެވެ. ހުސްވުމެއް ނެތް ޖަވާހިރުގެ ޚަޒާނާއެއް ފަދަ މަނިކުފާނު ވަނީ އެސްތަކުން ޖަރީވެފައިވާ ތާޖަކުން ޒީނަތްތެރިވެވަޑައިގެންފަ އެވެ. ދިހަ ދަރިކޮޅުގެ ބާރު ލިބިވަޑައިގެންވާ ކަލަމިންޖާގެ ވާހަކަފުޅުދެއްކެވުން މޮޅު މީހުނާއި ދެރަ މީހުނާ ހަމަހަމަ އެވެ. ރަންމުތްތަކެއް ކަހަލަ ރީތި ބަސްފުޅުތަކުންނެވެ.”

މި ޒަމާނުގައި އަޅުގަނޑުމެން ބޭނުންކުރާ ބަހުގެ ހަމަތައް ކުރިން ހިނގަމުން އައިސްފައިވާ ގޮތް، މި ލޯމާފާނުގައި ވާ ލިޔުމުން ކޮންމެވެސް ވަރަކަށް ފެންނަން އެބަ ހުއްޓެވެ. މީގެ ތެރޭގައި “އ” ސުކުނާއި “ށ” ސުކުން މިހާރުގެ ދިވެހި ލިޔުންތަކުގައި ބޭނުންކުރާ ގޮތަށް ހުންނަ ތަންތަން ވެސް ފެންނަން އެބަ ހުއްޓެވެ. ފާހަގަކުރެވިފައިވާ ގޮތުގައި އެވޭލަ އަކުރުގައި “ޕ” އަށާއި “ފ” އަށް ބޭނުންކޮށްފައި ވަނީ އެއް އަކުރެކެވެ. އަދި އެއިރު “ސ” ބޭނުންކޮށްފައި ހުންނަ ބައެއް ތަންތަނުގައި މިހާރު ބޭނުން ކޮށްފައި ހުންނަނީ “ހ” އަކުރެވެ. މިސާލަކަށް މިހާރުގެ “ހުވަހަންދޫ” އެއިރު ލިޔެފައި އޮންނަނީ “ސުވަޝަންދޫ” މިފަދައިންނެވެ. އިތުރަށް ފާހަގަކުރެވުނު ކަމަކީ، އަކުރު ޑަބަލް ކޮށްފައި ނުވަތަ އަކުރުގެ ފަހަތަށް “ޔ” ގެ އަޑު އަންނަ ގޮތަށް ލިޔެފައި ހުރި ތަންތަނުގައި އަލިފު ސުކުނަށް ލިޔުއްވާފައި ހުރި ކަމެވެ. މިއީ މިހާރު މިގޮތަށް ކިޔާނޭ ތަންތަނެވެ. މިސާލަކީ: ފަސްސިމަ = ފައްސިމަ؛ އާދީތިޔަ = އާދީއްތަ، މި ކަހަލަ ބައެއް ލަފްޒެވެ.

ޖުމްލަ ގޮތަކަށް މި ލޯމާފާނަށް ބަލައިލާއިރު، ދެންނެވޭނީ މި ލިޔުމުގައި ވަރަށް އަގުހުރި މަޢުލޫމާތުތަކެއް ހިމެނިފައިވާ ކަމަށެވެ. އެހެންކަމާ އެކު، މި ލޯމާފާނު ތަރުޖަމާ ކުރެއްވުމުން، ދިވެހި ތާރީޚުގައި ހިމެނެން ޖެހޭ ގިނަ މަޢުލޫމާތުތަކެއް ދިވެހިންނަށް ލިބޭ ގޮތް މެދުވެރިވި އެވެ.

ނޯޓް: މި ލިޔުމުގައި ގިނަ މަޢުލޫމާތު ހޯދާފައިވަނީ މަރްޙޫމް ޢަލީ ނަޖީބު ކުރެއްވި “ދަނބިދޫ ލޯމާފާނު” ގެ ތަރުޖަމާއިންނެވެ.

އާއި ބެހޭ އިބްރާހިމް ރަޝީދު

😂👊

މިވެސް ކިއުއްވާލައްވާ

ދަނބިދޫ.ކޮމް ގެލަރީ 2010-2017

Leave a Reply

Your email address will not be published. Required fields are marked *