ކުއްލި ހަބަރު
ފުރަތަމަ ސަފުހާ / ދީން / ކައިވެނި ބައްލަވައިގެންނެވިއިރު ޢާއިޝަތުގެފާނުގެ ޢުމުރުފުޅަކީ ކޮބާ؟

ކައިވެނި ބައްލަވައިގެންނެވިއިރު ޢާއިޝަތުގެފާނުގެ ޢުމުރުފުޅަކީ ކޮބާ؟

ކީރިތި ރަސޫލާ ޢާއިޝަތުގެފާނާ ކައިވެނި ބައްލަވައިގެންނެވި އިރު އެކަމަނާގެ ޢުމުރުފުޅަކީ ކޮބައިކަމާ މެދު މިހާތަނަށް އެތައް ދިރާސާއެއް ކުރެވިފައިވެއެވެ. މި ދިރާސާތަކުން ޢާއިޝަތުގެފާނާ ކީރިތި ރަސޫލާ ކައިވެނި ބައްލަވައިގެންނެވި އިރު އެކަމަނާއަކީ ފުރިހަމަ އަންހެނެއް ކަމާއި ކުޑަ ކުއްޖެއް ނޫންކަން ސާބިތުވެއެވެ. އެހެން ނަމަވެސް މުސްލިމުންގެ ތެރެއިން ވެސް ބައެއްމީހުން ޤަބޫލުކުރާ ގޮތުގައި ރަސޫލާ ޢާއިޝަތުގެފާނާ ކައިވެނި ބައްލަވައިގެންނެވި އިރު އެކަމަނާއަކީ ޢުމުރުފުޅުން ވަރަށް ހަގު، ތުއްޕުޅު ބޭފުޅެކެވެ. އަދި މިކަން ވެފައިވަނީ ރަސޫލާގެ ޙަޔާތްޕުޅާ ބެހޭ ގޮތުން ނުކިއްސަރު ވާހަކަތައް ފެތުރުމަށް ޣައިރު މުސްލިމުންނަށް ލިބިފައިވާ ފުރުޞަތެއް ކަމުގައެވެ.މި މައުޟޫޢުގެ މައްޗަށް އެންމެ ފަހުން ޣައިރު މުސްލިމަކު ލިޔެފައިވާ ފޮތަކީ “ޖުވެލް އޮފް މަދީނާ” މި ނަން ކިޔާ ފޮތެވެ. ޝެރީ ޖޯންސް ނަމަކަށް ކިޔާ ލިޔުންތެރިޔަކު ލިޔެފައިވާ މި ފޮތަކީ ޢާއިޝަތުގެފާނާ ބެހޭ ނާވިލް (ދިގުވާހަކަ) އެކެވެ. ޣައިރު މުސްލިމުން ލިޔެފައިވާ މިފަދަ ފޮތްތަކުގައި ޢާއްމުކޮށް މަސައްކަތްކޮށްފައި ހުންނަނީ ރަސޫލާއަކީ އަޚްލާޤީ ގޮތުން ދަށް ފެންވަރުގެ ބޭފުޅެއް ކަމުގައި ދެއްކުމަށެވެ.

ޢާއިޝަތުގެފާނާ ރަސޫލާ ކައިވެނި ބައްލަވައިގެންނެވި އިރު އެކަމަނާގެ ޢުމުރުފުޅަކީ 6 ނުވަތަ 7 އަހަރު ކަމުގައި ބުނެފައިވާ ރިވާޔަތްތައް ހަދީސް ފޮތްތަކުގައި ވެސް ހުރެއެވެ. އެހެން ނަމަވެސް މި ރިވާޔަތްތަކުގެ ޞައްޙަކަމާމެދު ވަނީ އިޚްތިލާފު އުފެދިފައެވެ. ބައެއް ޢިލްމުވެރިން ދެކެ ވަޑައިގަންނަވާ ގޮތުގައި މި ގޮތަށް މިކަން ދިމާވެފައިވަނީ އުފަންވާ ތާރީޚު އެ ދުވަސްވަރު ރަނގަޅަށް ބެލެހެއްޓިފައި ނުވާތީއެވެ. އަދި ކައިވެނި ބައްލަވައިގަތް އިރު ޢާއިޝަތުގެފާނުގެ ޢުމުރުފުޅު، މިއަށްވުރެ ދޮށިވާނެ ކަމުގައި މި ބޭފުޅުން ދެކެވަޑައިގަންނަވައެވެ. އެހެން ބައެއް ބޭފުޅުންވަނީ މިކަމާމެދު ޢިލްމީ ދިރާސާތަކެއްކޮށްގެން ކައިވެނި ބައްލަވައިގަތް އިރު ޢާއިޝަތުގެފާނުގެ ޢުމުރުފުޅަކީ ކޮބައިކަން ހޯދުމަށް މަސައްކަތްކުރައްވާފައެވެ.

މިގޮތުން ކުރެވިފައިވާ ދިރާސާތަކުގެ ތެރޭގައި ބޭނުންކުރެވިފައި ވަނީ ކީރިތި ޤުރުއާނާއި ހަދީސްފޮތްތަކުގައިވާ މަޢުލޫމާތާއި ހަދީސް ޢިލްމާބެހޭ ފޮތްފޮތުގައިވާ މަޢުލޫމާތުތަކުގެ އިތުރުން ތާރީޚީ ފޮތްތަކާއި ބަހާ ބެހޭ ފޮތްތަކެވެ. މިހުރިހާ މަޢުލޫމާތެއް ދިރާސާ ކުރުމަށްފަހު ފާހަގަކުރެވޭ ނުގުތާތައް މިފަދަ ދިރާސާތައް ކުރައްވާފައިވާ ބޭފުޅުންވަނީ ޢާއްމުކުރައްވާފައެވެ.

މިގޮތުން ޢާއިޝަތުގެފާނުގެ އަޚުންނާއި އުޚްތުންގެ މެދުގައި ޢުމުރުގެ ތަފާތުހުރިވަރު ބެލުމަކީ މުހިއްމު ކަމެއްގެ ގޮތުގައި ބަލައިފައިވެއެވެ. ޢާއިޝަތުގެފާނުގެ ބައްޕާފުޅު އަބޫބަކުރުގެފާނަށް ލިބިވަޑައިގެންފައިވަނީ 6 ބޭފުޅުންނެވެ. އަސްމާ ބިންތު އަބީބަކުރާއި ޢަބްދުﷲ ބިން އަބީބަކުރުގެ މަންމައަކީ ޤުތައިލާ ބިންތު ޢުމައިސްއެވެ. ޢައިޝަތުގެފާނާއި ޢަބްދުއްރަޙްމާނު ބިން އަބީބަކުރުގެ މަންމައަކީ އުއްމު ރޫމާނެވެ. މުޙައްމަދު ބިން އަބީބަކުރުގެ މަންމައަކީ އަސްމާ ބިންތު ޢުމައިސްއެވެ. އުއްމުކުލްޘޫމް ބިންތު އަބީބަކުރުގެ މަންމައަކީ ޙަބީބާއެވެ. އަސްމާގެފާނާއި ޢަބްދުﷲގެފާނަކީ އެއްބަނޑު އެއްބަފާ ދެބޭފުޅުންނެވެ. ހަމަ އެފަދައިން ޢާއިޝަތުގެފާނާއި ޢަބްދުއްރަޙްމާނުގެފާނަކީ ވެސް އެއްބަނޑު އެއްބަފާ ދެބޭފުޅުންނެވެ. އެއް މަންމައެއްގެ ބޭފުޅުންގެ ދެމެދުގައިވާ ޢުމުރުގެ ތަފާތަކީ ވެސް އަޅުގަނޑުމެންނަށް އަލިކަމެއް ފޯރުކޮށްދެވިދާނެ މަޢުލޫމާތެކެވެ.

1. އަބޫބަކުރުގެފާނުގެ ފުރަތަމަ ދަރިކަނބަލުން އަސްމާގެފާނު އުފަންވެވަޑައިގަތީ މީލާދީން 595 ގައެވެ. މިއީ ކީރިތި ރަސޫލާގެ ހިޖްރައިގެ 27 އަހަރު ކުރިންނެވެ [ނަވަވީ، ތަހްޒީބުލް އަސްމާ، 2/597]. ރަސޫލާ ހިޖްރަ ކުރެއްވިއިރު އެކަމަނާ އިންނެވީ ޒުބައިރު ބިން ޢައްވާމުގެ އަނބިކަނބަލަކަށެވެ. އަދި އޭރު އެކަމަނާ އިންނެވީ އާލާސްވެއެވެ. ބަނޑަށް 6 މަހެވެ [ނަވަވީ، ތަހްޒީބުލް އަސްމާ، 2/597]. އެކަމަނާގެ ދަރިކަލުން ޢަބްދުﷲ އުފަންވެ ވަޑައިގަތީ އޭގެ ތިން މަސް ފަހުން ޤުބާގައެވެ. މިއީ މަދީނާއަށް ހިޖްރައަށް ވަޑައިގަތް މަގުމަތީގައެވެ. އެކަމަނާ އަވަހާރަވީ ހިޖްރައިން 73 ވަނަ އަހަރުގައި ޢުމުރުފުޅުން 100 އަހަރުގައެވެ.

ދެން ތާރީޚުން ފެންނަ މުހިއްމު އަނެއް މަޢުލޫމާތަކީ ޢާއިޝަތުގެފާނާއި އަސްމާގެފާނާ ދެބޭފުޅުންގެ ޢުމުރުގެ ތަފާތެވެ. ޢާއިޝަތުގެފާނާއި އަސްމާގެފާނާ ދެބޭފުޅުންގެ ޢުމުރުގެ ތަފާތަކީ 10 އަހަރެވެ [ބައިހަޤީ، ސުނަން، 6/204]. އެހެންކަމަށް ވާނަމަ ޢާއިޝަތުގެފާނު އުފަންވެވަޑައިގަތީ މީލާދީން 605 ވަނަ އަހަރުއެވެ. އެއީ 595 + 10 = 605 އެވެ. އެހެންކަމުން ރަސޫލާ ހިޖްރަ ކުރެއްވިއިރު ޢާއިޝަތުގެފާނުގެ ޢުމުރުފުޅުން ވާނީ 17 އަހަރެވެ. ޢާއިޝަތުގެފާނާ ރަސޫލާ ކައިވެނި ބައްލަވައިގަތީ ހިޖްރައިގެ ހައެއް ނުވަތަ އަށް މަހުގެ ފަހުން ނުވަތަ ބަދުރު ހަނގުރާމަ ނިމުނުތަނާހެންނެވެ [އިބްނު ސަޢުދު، ޠަބަޤާތު، 8/58]. މީގެ މާނައަކީ އެއިރު ޢައިޝަތުގެފާނުގެ ޢުމުރުފުޅަކީ 17 އަހާރާއި 19 އަހަރާ ދެމެދުގެ ޢުމުރެއްކަމުގައެވެ.

2. ޢާއިޝަތުގެފާނާއި ޢަބްދުއްރަޙްމާނުގެފާނާ ދެބޭފުޅުންގެ ޢުމުރުގެ ތަފާތަކީ ވެސް މުހިއްމު މަޢުލޫމާތެކެވެ. ޢަބްދުއްރަޙްމާނު އިސްލާންވެވަޑައިގަތީ ޙުދައިބިއްޔާގެ ޞުލްޙައަށް ފަހުގައެވެ. ޙުދައިބިއްޔާގެ ޞުލްޙަވެވިފައިވަނީ ހިޖްރައިން 6 ވަނަ އަހަރުގައެވެ. ހިޖްރައިން ދެވަނަ އަހަރު ހިނގި ބަދުރު ހަނގުރާމަ ހިނގި ދުވަހު ޢަބްދުއްރަޙްމާނުގެ ޢުމުރުފުޅަކީ 20 އަހަރެވެ [އިބްނު އަސީރު، އުޞޫލުލްޣާބާ، 3/467]. އެހެންކަމުން ޢަބްދުއްރަޙްމާނު އުފަންވެވަޑައިގަތީ މީލާދީން 604 ހާ ތާނގައެވެ. އެ ޒަމާނަށް ބަލާއިރު އެއް މަންމައެއްގެ ދެބޭފުޅުންގެ ދެމެދުގައި ޢުމުރުގެ މާބޮޑު ތަފާތެއް ނުހުރެއެވެ. ކައިވެނި ބައްލަވައިގަތް އިރު ޢާއިޝަތުގެފާނުގެ ޢުމުރަކީ 7 އަހަރުކަމުގައިވާނަމަ އެކަމަނާ އުފަންވެވަޑައިގެންފައިވާނީ މީލާދީން 614 ހާ ތާނގައެވެ. އެހެންކަމަށްވާނަމަ ޢާއިޝަތުގެފާނާއި އެކަމަނާއާ އެއްބަނޑުއެއްބަފާ ޢަބްދުއްރަޙްމާނާ ދެބޭފުޅުންގެ ޢުމުރުގެ ތަފާތުގައި 10 އަހަރު ހުންނާނެއެވެ. މިއީ އެ ޒަމާނަށް ބަލާއިރުވުން ވަރަށް ދުރުކަމެކެވެ. އަދި މީލާދީން 615 ވަނަ އަހަރު އަބޫބަކުރުގެފާނު ޙަބުޝްކަރައަށް ހިޖްރައަށް ވަޑައިގަތުމަށް ގަސްތުކުރެއްވިއިރު ޢާއިޝަތުގެފާނުވެސް ގެންދަވަން ގަސްތުކުރެއްވި ކަމަށާއި، އޭރު އެކަމަނާގެ ޢުމުރުފުޅުން ވާނީ ނުވަ ވަރަކަށް އަހަރުކަމުގައި އޮންނަ ރިވާޔަތްތަކުން ވެސް މިކަން ސާބިތުވެއެވެ. އަބޫބަކުރުގެފާނު އެހެން ނަމަވެސް ޙަބަޝާއަށް ވަޑައެއް ނުގަންނަވައެވެ.

3. ޢާއިޝަތުގެފާނު އަވަހާރަވުމާބެހޭ ގޮތުން ހުރި ރިވާޔަތްތަކުން ވެސް މުހިއްމު މަަޢުލޫމާތުތަކެއް ލިބިގެންދާނެއެވެ. އެކަމަނާ އަވަހާރަވީ ތާރީޚުގެ ގޮތުގައި ފޮތްތަކުން ތަފާތު ފަސް އަހަރު ފެންނަން އޮވެއެވެ. މި ގޮތުން އެއީ ހިޖްރައިން 55 ނުވަތަ 56 ނުވަތަ 57 ނުވަތަ 58 ނުވަތަ 59 ވަނަ އަހަރުކަމުގައި ފޮތްތަކުން ފެންނަން އޮވެއެވެ [އިބްނު ޢަބްދިލްބައްރު، އިސްތިޢާބު، 2/108]. އެކަމަނާ އަވަހާރަވީއިރު ޢުމުރުފުޅަކީ 65 ނުވަތަ 66 ނުވަތަ 67 ނުވަތަ 74 ކަމުގައިވެސް ފޮތްތަކުގައި ބަޔާންވެފައި ހުރެއެވެ [އިބްނު ސަޢުދު، ޠަބަޤާތު، 8/75]. އެކަމަނާ އުފަންވެވަޑައިގަތް އަހަރާމެދު އިޚްތިލާފު އުފެދިފައިވާ ފަދައިން އެކަމަނާ އަވަހާރަވި ތާރީޚާ މެދު ވެސް އިޚްތިލާފު އެބަހުއްޓެވެ.
އެކަމަނާ އަވަހާރަވީ ހިޖްރައިން 58 ގައި ޢުމުރުފުޅުން 74 އަހަރުގައިކަމަށް އޮންނަ ރިވާޔަތް އެހެން ރިވާޔަތްތަކަށް ވުރެ ޞައްޙަކަމުގައި ފެނެއެވެ. މި ރިވާޔަތުގައި ތަފްޞީލީ މަޢުލޫމާތު ވެސް ލިބެން ހުރުމާއެކުގައެވެ. ޢާއިޝަތުގެފާނު އުފަންވެވަޑައިގަތީ ނަބީކަމުގެ ތިން އަހަރުކުރިންކަމުގައި ބަޔާންވެފައިވާ ރިވާޔަތްތަކުން ވެސް މިއަށް އިތުރު ތާއީދުލިބެއެވެ.
އަދި އެކަމަނާގެ އަރިހުން އައިސްފައިވާ ރިވާޔަތުގައި “ކައިވެނިކުރި އިރު އަހުރެން ފެންނާނީ ޢުމުރުން ގާތްގަނޑަކަށް ހަތްއަހަރުވެފައިވާ ކުއްޖެއްގެ ގޮތުގައި” ކަމަށް ވިދާޅުވެފައިވަނީ އެކަމަނާގެ ހަށިގަނޑުހެދި ހުރި ގޮތުން އޭރު އެކަމަނާއަކީ ޖިސްމާނީ ގޮތުން ފެންނަ ފެނުމުގައި ހަތް އަހަރުގެ ކުއްޖަކާ މާބޮޑު ތަފާތެއް ނެތް ބޭފުޅެއް ކަމުގައިވާތީ ކަމަށް ވެދާނެއެވެ. މަދީނާއިން ބޭރުގައި އެކަމަނާގެ ކަރުފުޅުގައި އޮތް ގަހަނާ ގެއްލިވަޑައިގެން ހޯއްދެވުމަށް ވަޑައިގެންފައިވަނިކޮށް ޖަމަލުމަތީގައި ބަހައްޓާ ގެކޮޅުގައި އެކަމަނާ ނެތްކަން އެ އުފުއްލެވި ޞަޙާބީންނަށް އެނގިވަޑައިނުގަތީވެސް އެކަމަނާގެ ހަށިކޮޅު ލުއިކަމުންކަން އެނގެއެވެ.

އަދި ހަމައެހެންމެ ކީރިތި ޤުރްއާނުގައި މުސްލިމް ފިރިހެނުންނަށް ކައިވެނިކުރަން އަންގަވާފައިވަނީ “އައްނިސާއު” ނުވަތަ ބޮޑުވެފައިތިބޭ އަންހެނުންނާ ކަމަށްވެފައި ޢަރަބި ބަހުގެ އަދަބިއްޔާތަށް ބަލާއިރުގައި 15 އަހަރުނުވާ އަންހެން ކުއްޖަކަށް “އައްނިސާއު” މި ބަސް ބޭނުންނުކުރާތީ، ރަސޫލާ ޢާއިޝަތުގެފާނާ ކައިވެނި ބައްލަވައިގަންނަވާނީ އެކަމަނާގެ ޢުމުރުފުޅުން 15 އަހަރުވުމަށް ފަހުގައިކަން ޔަޤީންވެއެވެ. އަދި ޢިލްމުވެރިންގެ ތެރެއިން ވަރަށް ގިނަ ބޭފުޅުން ޤަބޫލުފުޅު ކުރައްވާ ގޮތުގައި އަންހެން ކުއްޖެއްގެ ޢުމުރުން 15 އަހަރު ނުވަނީސް ކައިވެނިކުރުމަކީ ހުއްދަކަމެއް ނޫނެވެ.

މިހާތަނަށް ޢިލްމީގޮތުން ކުރެވިފައިވާ ދިރާސާތަކުން ދައްކާގޮތުގައި ޢާއިޝާ އުފަންވެ ވަޑައިގަތީ މީލާދީން 605 ހާ ތާނގައެވެ. ރަސޫލާ އެކަމަނާއާ ކައިވެނި ބެއްލެވިއިރު އެކަމަނާގެ ޢުމުރުފުޅަކީ 17 އަހަރެވެ. އެކަމަނާގެ އަރިހުގައި ރޭކުރެއްވީ އެކަމަނާގެ ޢުމުރުފުޅުން 19 އަހަރުގައެވެ. (ވަﷲ އަޢުލަމު ބިއްޞަވާބި).

އިޔާޒު ނަސީމް: ފަންވަތް 

އާއި ބެހޭ އިބްރާހިމް ރަޝީދު

😂👊

މިވެސް ކިއުއްވާލައްވާ

ލައިލަތުލް ޤަދުރިވިލޭރެގެ މަތިވެރިކަމާއި މާތްކަން..

ބަރަކާތްތެރި ރަމަޟާންމަހުގެ ރޭތަކުގެ ތެރެއިން އެންމެ މާތް، މަތިވެރިވެގެންވާ ރެޔަކީ ليلة القدر ވިލޭރެއެވެ. އެރޭގެ މާތްކަމާއި މަތިވެރިކަން ހޯދުމަށް …