ކުއްލި ހަބަރު
ފުރަތަމަ ސަފުހާ / ދީން / ލައިލަތުލް ޤަދުރިވިލޭރެގެ މަތިވެރިކަމާއި މާތްކަން..

ލައިލަތުލް ޤަދުރިވިލޭރެގެ މަތިވެރިކަމާއި މާތްކަން..

ބަރަކާތްތެރި ރަމަޟާންމަހުގެ ރޭތަކުގެ ތެރެއިން އެންމެ މާތް، މަތިވެރިވެގެންވާ ރެޔަކީ ليلة القدر ވިލޭރެއެވެ.

އެރޭގެ މާތްކަމާއި މަތިވެރިކަން ހޯދުމަށް އެދޭ މީހާ ރަމަޟާންމަހުގެ ފަހު ދިހައިގެ އޮނަހިރި ރޭތަކުގައި ގަދައަޅައި މަސައްކަތް ކުރުމަށް މިއުންމަތުގެ މާތް ނަބިއްޔާ މުޙައްމަދު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަވަނީ ޙަދީޘްކުރައްވާފައެވެ.

އަލްޤަދްރި ސޫރަތުގައި މާތް ﷲ ވަޙީކުރައްވާފައި ވެއެވެ.

إِنَّا أَنزَلْنَاهُ فِي لَيْلَةِ الْقَدْرِ
وَمَا أَدْرَاكَ مَا لَيْلَةُ الْقَدْرِ
لَيْلَةُ الْقَدْرِ خَيْرٌ مِّنْ أَلْفِ شَهْرٍ
تَنَزَّلُ الْمَلائِكَةُ وَالرُّوحُ فِيهَا بِإِذْنِ رَبِّهِم مِّن كُلِّ أَمْرٍ
سَلامٌ هِيَ حَتَّى مَطْلَعِ الْفَجْرِ

މާނައީ:
ހަމަކަށަވަރުން ތިމަން ރަސްކަލާނގެ އެ ޤުރުއާން ބާވައިލެއްވީ ލައިލަތުލް ޤަދުރި ވިލޭރޭގައެވެ.
އަދި ލައިލަތުލް ޤަދުރި ވިލޭރެއަކީ، ކޮން ރެއެއްކަން ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއްތޯއެވެ؟
ލައިލަތުލް ޤަދުރިވިލޭރޭ، އެއްހާސް މައްސަރަށްވުރެ ހެޔޮކަން ބޮޑެވެ.
މަލާއިކަތުންނާއި، ޖިބުރީލުގެފާނު އެބޭކަލުންގެ ވެރި ރަސްކަލާނގެ އިޒުނަފުޅާއެކު، ހުރިހާ އަމުރުފުޅަކާއިގެން އެރޭ ފައިބައި ވަޑައިގަންނަވާނެތެވެ.
އެއީ ފަޖުރުގެ އަލިކަން ފާޅުވެއްޖައުމަށް ދާންދެން، އަމާންކަމާއި، ސަލާމަތްކަން ލިބިގެންވާ ރެއެކެވެ.

އައްދުޚާނު ސޫރަތުގެ 3 ވަނަ އާޔަތާއި 4 ވަނަ އާޔަތުގައި މާތް ﷲ ވަޙީކުރައްވާފައި ވެއެވެ.

إِنَّا أَنزَلْنَاهُ فِي لَيْلَةٍ مُّبَارَكَةٍ إِنَّا كُنَّا مُنذِرِينَ
ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެ ފޮތް (އެބަހީ؛ ޤުރުއާން) ބާވައިލެއްވީ ބަރަކާތްތެރިވެގެންވާ ރެއެއްގައެވެ. ހަމަކަށަވަރުން، އިންޒާރުކުރައްވާ ކަލަކު ކަމުގައި ތިމަންރަސްކަލާނގެ ވޮޑިގެންވަމެވެ.
فِيهَا يُفْرَقُ كُلُّ أَمْرٍ حَكِيمٍ
އެ ރޭ، ކަނޑައެޅިގެންވާ ކޮންމެ ކަމެއް ބަޔާންކުރައްވަތެވެ.

ليلة القدر އެނަން ދެވިގެންވާ ސަބަބު:

އެރޭގެ ނަމާއި ބެހޭގޮތުން الشيخ ابن عثيمين رحمه الله ވިދާޅުވެފައިވެއެވެ. އެރެއަށް އެނަން ދެވުނީ އަންނަނިވި ސަބަބުތަކަށްޓަކައެވެ.

1: އެރެއަށް ليلة القدر އޭ ކިޔުނީ ليلة القدر ގެ މާނައަކީ ޝަރަފުވެރިވެގެންވާ ރެއެވެ. އެރެއަކީ ޤަދަރު އުފުއްލެވިގެންވާ ރެއަކަށް ވާތީއެވެ.

2: އޭރޭގައި އެ އަހަރުގެ ތެރޭގައި ވާނޭ ކަންކަމުގެ ތަޤްދީރު ކުރެވި މިންވަރު ކަނޑައެޅޭތީއެވެ. ކުރިޔަށް އޮތް އަހަރުގެ ތެރޭގައި ހިނގާނޭ ކަންކަން އެރޭގައި ލިޔުއްވެއެވެ. މިކަން ހިމެނިގެންދަނީ މާތް ﷲ ގެ ޙިކުމަތްވަންތަކަމުގެ ތެރޭއިންނެވެ.

3: ބުނެވެއެވެ. އެރެޔަށް ليلة القدر މިނަން ދެވުނީ އެރޭގައި ކުރެވޭ އަޅުކަމުގެ ޤަދަރު މަތިވެރިވެގެންވާ ކަމަށްޓަކައެވެ. އެހެނީ އީމާންކަންމަތީގައި ހުރެ ދަރުމަޔާއި ޘަވާބު އެދިގެން އެރޭގެ އަޅުކަން ކޮށްފި މީހެއްގެ އިސްވިދިޔަހައި ފާފަތަކެއް ފުއްސަވައި ދެއްވާނޭކަމުގައި ރިވާވެގެންވެއެވެ.

ليلة القدر ވިލޭރޭގެ ބައެއް ޢަލާމާތްތައް

الشيخ ابن عثيمين ރަޙިމަހު ﷲ ليلة القدر ގެ ޢަލާމަތްތަކާއި ބެހޭގޮތުން ވިދާޅުވެފައިވާ ވާހަކަތަކުގެ ތެރެއިން އަންނަނިވި ކަންތައްތައް ހިމެނެއެވެ.

1: އެރޭގެ އަލިކަން ގަދަވެގެންވެއެވެ. މިޒަމާނުގައި އަލިކޮށް ދިއްލާފައި ހުންނަ ހިސާބުތަކުގައި ދިރިއުޅޭ މީހުންނަށް މި ޢަލާމާތް ދެނެގަތުން ފަސޭހައެއް ނުވާނެއެވެ. މި އަލިކަން އިޙްސާސްވާނީ އަލިކަމާއި ދުރު ހިސާބުތަކުގައި އުޅޭ މީސްތަކުންނަށެވެ.

2: ހިތްހަމަޖެހުމާއި މުއުމިނުތަކުންގެ ހިތްތައް انشراح ވުން އެރޭގައި ހިމެނެއެވެ. އެބަހީ އެހެން ރޭތަކުގައި އިޙްސާސް ނުވާފަދަ ހިތް ހަމަޖެހުމެއް އެރޭ އިޙްސާސްވާނެއެވެ. އަދި ހިތުގެ ނުތަނަވަސްކަން ފިލައި ހިތްތަނަވަސްވުން އެރޭ ލިބިގެންދާނެއެވެ.

3: އެރޭގައި ޖެހޭ ވައިރޯޅި މަޑުވެ ހަމަހިމޭންވެގެންވެއެވެ. ގަދަފަދަ ރޯޅިތަކާއި ވައިގަދަވުމެއް އެރެއަކު ނުވެއެވެ. އެރޭގެ ޖައްވު އޮންނާނީ ވަރަށް މުނާސަބު ޙާލަތެއްގައެވެ.

4: މުއުމިނުތަކުންނަށް އެރޭގެ ރޭއަޅުކަމުގެ ލައްޛަތާއި މީރުކަން އިޙްސާސްވުން އެހެން ރޭތަކަށްވުރެ އިތުރުވެގެންވެއެވެ.

އެރޭ ނިމިގެންދާހިނދު ފެންނަ ބައެއް ޢަލާމާތްތައް:

އެރޭގެ ފަތިހު އިރުއަރާއިރު ދޯދިތަކެއް ނުހުންނާނެއެވެ. އެބަހީ އިރު އެރުމުގެ ކުރީގައި އާންމު ގޮތެއްގައި އުދަރެހަށް ފާއްދާލާފައި ހުންނަ ދޯދިތައް އެރެއަކު ނުހުންނާނެއެވެ. ޞަޙީޙު މުސްލިމްގައި ރިވާވެގެންވެއެވެ.
“އެރޭގެ (ހެނދުނުވުމުން) އިރުއަރާހިނދު އޭގައި ދޯދިތަކެއް ނުހުންނާނެއެވެ.”

މިފަދަ ޢަލާމާތްތަކެއް އެރޭގައި ހިމެނިގެންވިއެއްކަމަކު މިކަންކަން ބަލައި ދެނެގަތުމަށް މަސައްކަތް ކުރުމަކީ ޙަޤީޤަތުގައި އެރޭގެ ހެޔޮ ޢަމަލުކުރުމަށް ލިބޭ ފުރުޞަތުން މަޙުރޫމު ކުރުވަނިވި ކަމަކަށްވުން އެކަށީގެންވެއެވެ.

ވީމާ، ليلة القدر ވިލޭރޭގެ މާތްކަން އެދޭމީހާ، އެދެވިގެންވަނީ ރަމަޟާންމަހުގެ ފަހުދިހައެއްގެ ރޭތަކުގައި ހެޔޮ ޢަމަލުތަކުރުމުގައި ދެމިހުރުމެވެ.

ليلة القدر ވިލޭރޭގެ މަތިވެރިކަމާއި މާތްކަން:

1: އެރެއަކީ މާތް ﷲ ކީރިތި ޤުރްއާން ބާވައިލެއްވި ރޭ ކަމުގައިވުން. “إِنَّا أَنزَلْنَاهُ فِي لَيْلَةِ الْقَدْرِ” (القدر: 1) މާނައީ: “ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެ ޤުރްއާން ބާވައިލެއްވީ ليلة القدرވިލޭރޭގައެވެ.”

2: އެރެއަކީ ބަރަކާތްތެރި ރެއެއް ކަމުގައިވުން. “إِنَّا أَنزَلْنَاهُ فِي لَيْلَةٍ مُّبَارَكَةٍ” (الدخان: 3) މާނައީ: “ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެފޮތް ބާވައިލެއްވީ ބަރަކާތްތެރިވެގެންވާ ރެޔެއްގައެވެ.”

3: އެރޭގައި، އެ އަހުރުތެރޭގައި ހިނގާނޭ ކަންކަން ﷲ ސުބުޙާނަހޫ ވަތަޢާލާ ތަޤްދީރު ކުރެއްވުމާއި ރިޒުޤު ލިޔުއްވުމާއި އަޖަލު ކަނޑައަޅުއްވުން ހިމެނެއެވެ. “فِيهَا يُفْرَقُ كُلُّ أَمْرٍ حَكِيمٍ” (الدخان: 4) މާނައީ: “އެ ރޭ، ކަނޑައެޅިގެންވާ ކޮންމެކަމެއް ބަޔާންކުރައްވަތެވެ.”

4: އަހަރުގެ އެހެން ރޭތަކަށްވުރެ އެރޭގެ އަޅުކަން މާތްވެގެންވެއެވެ. “لَيْلَةُ الْقَدْرِ خَيْرٌ مِّنْ أَلْفِ شَهْرٍ” (القدر: 3) މާނައީ: “ليلة القدر ވިލޭރޭ، އެއްހާސް މައްސަރަށްވުރެ ހެޔޮކަން ބޮޑެވެ.”

5: އެރޭގައި މަލާއިކަތުންނާއި ޖިބްރީލް ޢަލައިހިއްސަލާމް ބިމަށް ފައިބައިވަޑައިގަންނަވާނެއެވެ. “تَنَزَّلُ الْمَلَائِكَةُ وَالرُّوحُ فِيهَا بِإِذْنِ رَبِّهِم مِّن كُلِّ أَمْرٍ” (القدر: 4) މާނައީ: “މަލާއިކަތުންނާއި ޖިބުރީލުގެފާނު އެބޭކަލުންގެ ވެރިރަސްކަލާނގެ އިޛުނަފުޅާއެކު، ހުރިހާ އަމުރުފުޅަކާއިގެން އެރޭ ފައިބައިވަޑައިގަންނަވާނެތެވެ.”

6: އެރެއަކީ އަމާންކަމާއި ސަލާމަތްކަން ލެއްވިގެންވާ ރެއެކެވެ. އެރޭގެ ހެޔޮ ޢަމަލުތައް ގިނަވެ ބަރަކާތް އިތުރުވެގެންވެއެވެ. “سَلَامٌ هِيَ حَتَّى مَطْلَعِ الْفَجْرِ” (القدر: 5) މާނައީ: “އެއީ ފަޖުރުގެ އަލިކަން ފާޅުވެއްޖައުމަށްދާނދެން، އަމާންކަމާއި، ސަލާމަތްކަން ލިބިގެންވާ ރެޔެކެވެ.”

އެރޭގެ ދަރުމައާއި ޘަވާބަށް އެދި ރޭއަޅުކަން ކޮށްފި މީހާގެ އިސްވެދިޔަހައި ފާފަތައް ފުއްސަވައިދެއްވާނެތެވެ. ވީމާ މިމަތިވެރި ރޭ ހޯދުމަށް ގަދައަޅައި މަސައްކަތް ކުރުމަށް ވަޞިއްޔަތް ކުރަމެވެ.

މިއީ މިއަދު ޑެއިލީގައި ޝާއިޢު ކޮއްފައިވާ ލިޔުމުގެ ޚުލާސާ އެކެވެ.

އާއި ބެހޭ އިބްރާހިމް ސިހާމް

މިވެސް ކިއުއްވާލައްވާ

ކައިވެނި ބައްލަވައިގެންނެވިއިރު ޢާއިޝަތުގެފާނުގެ ޢުމުރުފުޅަކީ ކޮބާ؟

ކީރިތި ރަސޫލާ ޢާއިޝަތުގެފާނާ ކައިވެނި ބައްލަވައިގެންނެވި އިރު އެކަމަނާގެ ޢުމުރުފުޅަކީ ކޮބައިކަމާ މެދު މިހާތަނަށް އެތައް ދިރާސާއެއް ކުރެވިފައިވެއެވެ. މި …

Leave a Reply

Your email address will not be published. Required fields are marked *