ލ. ދަނބިދޫގެ އިދާރީ ދާއިރާގެ އިހްތިސޯސް އިން އެ އަތޮޅު ތުނބުރި ނަގައިފި އެވެ.
ރާއްޖޭގެ އިދާރީ ދާއިރާތައް ހިންގަންވާނީ ލާމަރުކަޒީ އުސޫލުން ކަމަށް ގާނޫނު އަސާސީގެ 230 ވަނަ މާއްދާގެ (ހ)ގައި ބަޔާންކޮށްފައިވާއިރު، ރާއްޖޭގެ އެންމެހާ އިދާރީ ދާއިރާތަކުގައި ހިމެނޭ ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ އިހްތިސޯސް ކަނޑައެޅުމުގެ މަސްއޫލިއްޔަތު ލާމަރުކަޒީ ގާނޫނުގައި މަތިކޮށްފައި ވަނީ ރައީސުލްޖުމްހޫރިއްޔާ އާއެވެ.
ރައީސް ސޯލިހު އިއްޔެ ނެރުއްވި ގަރާރުގައި ވިދާޅުވެފައި ވަނީ ރާއްޖޭގެ އިދާރީ ދާއިރާތަކުގައި ހިމެނޭ ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ އިހްތިސޯސް ކަނޑައަޅައިފައި އޮތް ގޮތަށް ބަދަލުގެންނަން ޖެހިއްޖެ ކަމަށް އެމަނިކުފާނަށް ފެނިވަޑައިގަންނަވާ ކަމަށެވެ.
“ރައީސުލްޖުމްހޫރިއްޔާގެ ގަރާރު ނަންބަރު 2020/3 އަށް އިސްލާހު ގެނެސް، ރާއްޖޭގެ ގާނޫނު އަސާސީއާއި ލާމަރުކަޒީ ގާނޫނުގައިވާ ގޮތުން، ރާއްޖޭގެ އިދާރީ ދާއިރާތަކުގައި ހިމެނޭ، ހައްދުންމަތީ ދަނބިދޫގެ އިދާރީ ދާއިރާގެ އިހްތިސޯސްގެ ތެރޭގައި ހިމެނޭ ހައްދުންމަތި ތުނބުރި، އިސްވެ ބަޔާންވެދިޔަ އިދާރީ ދާއިރާގެ އިހްތިސޯސްގެ ތެރެއިން ވަކިކޮށް، އަންނަނިވި ގޮތަށް ކަނޑައަޅައި މި ގަރާރު އެކަށައެޅީމެވެ.” ރައީސްގެ ގަރާރުގައިވެ އެވެ.
މީގެކުރިން ތުނބުރި އަދި ހުޅިޔަންދޫ ވެސް ހިމެނެނީ ދަނބިދޫގެ އިހްތިސޯސްގެ ތެރޭގަ އެވެ. ނަމަވެސް މިހާރު ދަނބިދޫގެ އިހްތިސޯސްގައި ހިމެނޭނީ ހުޅިޔަންދޫ އެކަންޏެވެ.
ބިމުގެ ބޮޑުމިނުގައި 19.6 ހެކްޓަރު ހުންނަ ތުނބުރި އަކީ 2016 ވަނަ އަހަރު ފިޝަރީޒް މިނިސްޓްރީ އާ ހަވާލުކޮށްފަ އެވެ. ތުނބުރި އަކީ ކުރީ ސަރުކާރުން “ގެސްޓް ހައުސް އައިލެންޑް ޕްރޮޖެކްޓް”ގެ ދަށުން ގެސްޓްހައުސް ރިސޯޓެއް ގޮތަށް ތަރައްގީކުރަން ނިންމި ރަށެކެވެ.
ކައުންސިލްއަށް ކަނޑައަޅާފައިވާ އިހްތިސޯސްގެ ތެރޭގައި ރިޒޯޓެއް ނުވަތަ އިންޑަސްޓްރިއަލް ރަށެއް ހިމެނޭ ނަމަ އެކައުންސިލެއްގެ އިހްތިސޯސުން އެ ރިޒޯޓެއް ނުވަތަ އިންޑަސްޓްރިއަލް ރަށެއް ހިމެނޭ ބައި އުނިވެގެންދާނެ އެވެ.
އަދި ފަޅުރަށުގެ ބައެއް ދެ ކައުންސިލުގެ އިހްތިސޯސަށް ވަންނަ ނަމަ، އެ ފަޅުރަށެއްގެ އިހްތިސޯސް އެ ދެ ކައުންސިލްގެ އިހްތިސޯސުން ވަކިވެގެންދާނެ އެވެ.