ހައްދުންމަތީ ސްކޫލްތަކުގެ މެދުގައި ކުޅެވޭ ޝީޝާ ލާމަސީލު ލާމު އިންޓަ ސްކޫލް ފުޓުބޯޅަ މުބާރާތުގައި މިރޭ ދަނބިދޫ ސްކޫލް އަދި އިހައްދޫ ސްކޫލް ބައްދަލު ކުރި މެޗް ދަނބިދޫ ސްކޫލް 1-0 ގެ ނަތީޖާއިން މެޗް ކާމިޔާބު ކޮށް ގުރޫޕް ގެ އެއްވަނައިގަައި އޮވެ ސެމީފައިނަލަށް ދަތުރު ކޮށްފި!. މިއީ ދަނބިދޫ ސްކޫލް މި މުބާރާތުގައި ކުޅުނު ގުރޫޕް ސްޓޭޖުގެ ފަހުމެޗެވެ.
ލ. ގަމު ޒޯން ސްޓޭޑިއަމްގައި ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ދަނބިދޫ ސްކޫލްއިން އިހައްދޫ ސްކޫލްއާ ދެކޮޅަށް ނިކުތީ މީގެ ކުރިން ދަނބިދޫ ސްކޫލްގެ ފަހަތުން މޮޅު ކުޅުމެއް ދައްކަމުން އަންނަ ރަވާއު ފުރަތަމަ ހާފްގައި ބެންޗުގައި ބައިންދަގެންނެވެ. ދެ ޓީމްގެ ފަރާތުން ވެސް ފުރަތަމަ ހާފްގައި ހަމަ ހަމަ ކުޅުމެއް ފެނިގެން ދިޔަ މިމެޗު ފުރަތަމާ ހާފް ނިމިގެންދިޔައީ 0-0ގައި އޮވެއެވެ. އަދި ދެވަނަ ހާފް ފެށިީ ދަނބިދޫ ޓީމް އިން ބަދަލަކާއެކުގައެވެ. އަދި މެޗުގެ 52 ވަނަ މިނެޓުގައި ދަނބިދޫ ސްކޫލްގެ ހަމަ އެކަނި ލަނޑު ޖަހައިދިނީ ދަނބިދޫ ސްކޫލްގެ ހުނަރުވެރި ފޯވާޑް އަހުމަދު ރުވާއުއެވެ. މެޗު ނިމިގެން ދިއައީ 1-0ގެ ނަތީޖާއެކު ދަނބިދޫ ސްކޫލް މޮޅުވެގެންނެވެ. ދަނބިދޫ ސްކޫލްގެ މި މޮޅާއެކު ނުވަ ޕޮއިންޓާއެކު ގުރޫޕް ގެ ބީގެ އެއްވަނަ ޓީމްގެ ގޮތުގައި ސެމީފައިނަލް އައް ވަނީ ދަތުރުކޮށްފައެވެ.
މިރޭގެ މެޗުގެ މޮޅުކުޅުންތެރިޔާގެ މަގާމު ލިބިފައިވަނީ ދަނބިދޫ ސްކޫލްގެ ޖޯޒީ ނަންބަރު 7 އަހުމަދު ރުވާއުއެވެ. މިރޭގެ މި މެޗުގައި ރުވާއު ޖެހި ލަނޑާއެކު މި މުބާރާތުގައި ރުވާއު ޖެހި ލަނޑުގެ އަދަދު 6ކަށް ވަނީ އަރާފައެވެ.
މި މުބާރާތުގެ ގުރޫޕްއޭގެ އެއްވަނަގެ ގޮތުގައި ސެމީ އަަށް ދަތުރު ކޮށްފައިވަނީލިބުނު ހަތް ޕޮއިންޓާއެކު މާމެންދޫ ސްކޫލެވެ. އަދި ގުރޫޕް އޭގެ ދެވަނައިގައި ހަ ޕޮއިންޓާއެކު އޮތީ ހަމަދު ސްކޫލްއެވެ. އަދި ގުރޫޕް ބީގެ އެއްވަނައިގައި ލިބުނު ނުވަ ޕޮއިންޓާއެކު ދަނބިދޫ ސްކޫލް އަދި އަށްޕޮއިންޓާއެކު ލ.އަތޮޅު ތައުލީމީ މަރުކަޒު އޮތީ ދެވަނައިގައެވެ.
މިއަންނަ ހުކުރު ދުވަހުގަ ފަށާ ސެމީ ފައިނަލްގެ ފުރަތަަމަ މެޗުގައި ބައްދަލު ކުރާނީ މާމެންދޫ ސްކޫލާއި ލ.އަތޮޅު ތައުލީމީ މަރުކަޒެވެ. އަދި ދެވަނަ މެޗުގައި ބައްދަލު ކުރާނީ ދަނބިދޫ ސްކޫލްއާއި ހަމަދު ސްކޫލްއެވެ.