ކުއްލި ހަބަރު
ފުރަތަމަ ސަފުހާ / ވާހަކަ / ދޫންޏާ ވަރަށް ލޯބިވޭ…!

ދޫންޏާ ވަރަށް ލޯބިވޭ…!

ރުއީމެވެ. ލޯބި ވާތީއެވެ.

ހިތުގައި ޖެހުނެވެ. ހަނދާން ވާތީއެވެ.

އިތުބާރު ކުރީމެވެ. ކެހިވެރިއެއްކަން ނޭނގޭތީއެވެ.

ލެޕްޓޮޕް ހުޅުވާލުމަށް ފަހު މީގެ އަހަރެއްހައި ދުވަސް ކުރިން ގެންގުޅުނު ފޮޓޯ ތަކެއް އަޅާފަވާ ސީޑީ އެއް ލައްވާ އޭގަ ހުރި ފޮޓޯތައް ބަލަންފެށީމެވެ.

ކުއްލިއަކަށް ލެޕްޓޮޕާ ކުޅެ ކުޅެ އިން އިނގިލިތަކަށް ހުއްޓުން އެރިއެވެ. ހިތުގެ ވިންދު އަވަސްވިއެވެ. ދެލޯ ބޮޑުވިއެވެ. ލޮލުން ކަރުނަ އައިކަން އެނގުނީ ހަލުވިކަމާއި އެކު ކޯތާފަތް ހުރަސްކޮށް ވެއްޓުނު ކަރުނަ ތިކީގެ ސަބަބުންނެވެ.

ސީޑީ ނަގާ ބިންދާލަން ސިކުނޑި ބުނަމުން ދިޔައެވެ. ނަމަވެސް ހިތް އެކަމަކަށް އެއްބަހެއް ނުވިއެވެ. އެންމެފަހުން ސީޑީ އަށް ޖާގަ ލިބުނީ ހަމަ އެއަށް އެންމެ އެކަށޭނެ ތަން ކަމަށްވާ، އޭގެ ކަވަރުންނެވެ. ލެޕްޓޮޕް ވެސް ނިއްވާލީމެވެ. މަޑުމަޑުން ގޮނޑީގަ ހަމަޖެހިލުމަށް ފަހު މޭޒުގަ ބޯއަޅާލީމެވެ. ހިތްފުރޭވަރަށް ރޯލަން ބޭނުންވިއެވެ.

މާޒީވެ ގޮސްފައިވާ ދުވަސްތަކެއް ލޯމަތިން ސިފަވާން ފެށިއެވެ. ފޮނި ހަނދާންތަކެއް ކަށިތަކެއް ހެން ހިތައް ހެރެން ފެށިއެވެ. އެއަޑު އަހާލުމަށް ހިތް އެދި ގޮވަން ފެށިއެވެ. ނަމަވެސް ހިތްވަރު ކުރީމެވެ. އަނެއްކާވެސް ލެޕްޓޮޕް ހުޅުވާލީމެވެ. މޮޑެމް ޖަހާ “ފޭސްބުކް” އަށް ލޮގިން ކޮށްލީމެވެ. ދުވަހުގެ ހަތަރުދަން ހޭދަކޮއްލީ ފޭސްބުކުގައެވެ.

އެހެން ދުވަހެކެވެ. ސެކަންޑަރީ ގުރޭޑް ތަކުގެ އިސްލާމް ޕޭޕަރ ތައް ޓައިޕް ކުރަން އިންދާ މެސެޖެއް އައެވެ. ޓައިޕް ކުރުން ހުއްޓާލުމަށް ފަހު ފޯން ބަލާލީމެވެ. ކުށް ގަބޫލުކޮށް މާފަށް އެދިފަ އޮތް މެސެޖެކެވެ. މެސެޖް ގެ އެންމެ ފަހު ބަސްކޮޅު މިހިތް ކުދިކުދި ކޮށްލިއެވެ. ލޮލުން ކަރުނަ ގެނުވިއެވެ.

” އަހަރެން ނެތް ދުނިޔެ އެއްގަވެސް އުފަލުގަ އުޅެއްޗޭ… އަހަރެން އަބަދަށް ތި ހިތުގެ ތެރޭގަ ފޮރުވަދީ… އެންމެފަހު ނޭވާގަ ވެސް ބޭނުމީ ތި ސޫރަ ދެކިލަން… ވަރަށް ވަރަށް ލޯބިވޭ…. އައި އެމް ރިއަލީ ސޮރީ ދޫންޏާ…. “

ދުވަހަކުވެސް ވަކިނުވާނަމޭ ބުނެ ލޯބިން ގުޅުނު ދެހިތައް ވީ ކީއްހެއްޔެވެ؟ ދިއްކޮއްލި އަތުގަ އަހަރެން އުފަލުން ހިފީ ދުވަހަކުވެސް އަހަރެންގެ އަތުން ދޫކޮށްނުލާނެ ކަމަށް ބުނުމުންނެވެ. ފޮނި ހުވަފެންތަށް ދުށީ ދުވަހަކުވެސް އެ ހުވަފެންތަކުން ހޭލައްވާނުލާނެކަމަށް ވަޢުދުވުމުންނެވެ. ދިރިއުޅުމުގެ ބާކީބައި އެކުގަ ހޭދަކުރަން ނިންމީ ދުވަހަކުވެސް ވަކި ނުވާނަމޭ ބުނެ ކުރިހާ އަހުދުތަކާއި އެކުގައެވެ. އަމިއްލަ ނަފްސަށްވުރެ ބޮޑަށް އިތުބާރުކުރީމެވެ. އިންތިހާ އަށް ލޯބިވީމެވެ. ތިބާގެ އަޑަކީ މި ދުނިޔެއިން އެންމެ އަހާހިތްވާ މިއުޒިކް ކަމުގައި ވިއެވެ. ވަކިނުވާނަމޭ ބުނެ ހަނދާއި ތަރިތައް ހެކިކޮށް ހުވަޔާއި ވަޢުދުތައް ކުރިއެވެ. އެކަމަކު ކުރިހާ ހުވަޔާ ވަޢުދުތައް މޫދުގަ އަޅާ ރޮނގެއް ފަދަ ވިއެވެ. އޮޅުވާލީއެވެ. މަކަރު ހެދީއެވެ. ދޮގު ހެދީއެވެ. އެންމެފަހުން ބޭވަފާތެރި ވެސް ވީއެވެ. މާބުރުގެ އުސޫލަށް ލޯބި ކުރާ މީހެއްކަން އެނގުނު ނަމަ ތިބާ ވަންނަ ގެއަކަށް ވެސް ނުވަނީހެވެ. ހިނގާ މަގަކުން ވެސް ނުހިނގާ ވޭތޯ ބެލީހެވެ. އުޅޭ ރަށަކަށް ވެސް ނޭރީހެވެ. ލޯބިވާ މީހުން އެކަކު އަނެކެއްގެ ބޮލުގަ ދޮގު އިލްޒާމް އަޅުވާނެހެއްޔެވެ؟ އެކަމަށް ވެސް ކެތްކުރީމެވެ. އެހެން މީހުންގެ އަނގައިން ތީ އަގެއްނެތް މީހެކޭ ބުނާ އަޑު އަހަން ބޭނުންނުވާތީއެވެ. ތިބާ އަށް ކުރާ އިހްތިރާމް ތިބާގެ އަންހެނުންނަށް ވެސް ކުރީމެވެ. ކިތަންމެ ހަޑި ހުތުރުބަހަކުން މުހާތަބުކުރިޔަސް އެއަށް ރަށްދެއް ނުދެމެވެ. އެހެން ކަމުން ނުކުރާ އެތައްކަމެއްގެ އިލްޒާމް ބޮލުގަ އަޅައިގެން ރޯލަ ރޯލަ ހުރީމެވެ.

ދުވަހަކުވެސް މިހިތަކުން ތި ލޯތްބެއް ނުފިލާނެއެވެ. ދޫންޏާ އޭ ކިޔާފަ ލޯބިން ގޮވާލާނެ އިރަކަށް މިހިތް އަބަދުވެސް އިންތިޒާރު ކުރެއެވެ. ލޯބި ދީ، ލޯތްބަކީ ކޯއްޗެއްކަން ދަސްކޮށްދިނީ ތި ގޮތަށް ބޭވަފާތެރި ވާންހެއްޔެވެ؟

ތި ހަނދާންތަކާއި ތި ނަމާއި ތި ސޫރަ މިހިތަކުން ދުވަހަކުވެސް ނުފިލާނެއެވެ. މިހިތުގެ ވަރަށް އަޑީގަ ވަރަށް ލޯބިން ތިބާ ރައްކާކޮށްފީމެވެ. މިފޮތުގެ އެންމެ ފަހު ޞަފްހާގަ ލޭކަރުނައިން “ދޫންޏާ ވަރަށް ލޯބިވޭ ، އުމުރަށް ވެސް ލޯބިވާނަން” ޖަހާލާފަ މި ފޮތްވެސް އަބަދައްޓަކައި ލައްޕާލީމެވެ.

އާއި ބެހޭ އިބްރާހިމް ރަޝީދު

😂👊

މިވެސް ކިއުއްވާލައްވާ

ހަނދަރު

މިރާއްޖޭގައި މީހުން އުޅުނު ދުއިސައްތައަށް ވުރެ ގިނަ ރަށް ފަޅުވެ އޭގެ ތެރެއިން ގިނަ ރަށްރަ ށް ރިސޯޓްތަކަށްވެއްޖެތާ ވިއްސަކަށް …

Leave a Reply

Your email address will not be published. Required fields are marked *