ކުއްލި ހަބަރު

ހަނދަރު

މިރާއްޖޭގައި މީހުން އުޅުނު ދުއިސައްތައަށް ވުރެ ގިނަ ރަށް ފަޅުވެ އޭގެ ތެރެއިން ގިނަ ރަށްރަ

ށް ރިސޯޓްތަކަށްވެއްޖެތާ ވިއްސަކަށް އަހަރުވާން ދަނީ އެވެ. “ހިނގާ ހޯދަމާހެ ތަރައްގީ މި ގައުމަށް” ކިޔާފައި އިހު ތިބި ގޮތް ދޫކޮށް ތަހުޒީބުވާން ރަށްވެހީން ކުރި މަސައްކަތުގައި ދިރިއުޅެނީ އެއްފަސްކޮށްފައިވާ ބަޔާޅީސް ރަށުގަ އެވެ. އަލިފާން ފޮށިތަކެއް އެ މަތިމައްޗަށް ޖަހާ ބީދައިން އެ ރަށްރަށުގައި ޓަވަރުތައް އުހެދި ކުރިބޯށިތައް އޮބާފައިވެ އެވެ. މުޅިން މުއްސަނދީންނެވެ.

ރަށްވެހިން ސައެންސަށް މޮޅުވެގެން ޖަޒީރާތަކުގެ ތާރީހު ފިލުވުމުގައި ހޭބޯ ނާރާ އެބައުޅެތެވެ. އެކަން ކުރުމުގައި ހުރަހެއް އިމެއް ނެތެވެ. ކޮންމެ އާ ދުވަހަކު އާ ހޯދުމެކެވެ.

ހައްދުންމަތީގައި ބަރެސްދުއާ މަހަކަންފުއްޓާއި މެދަހާފުއްޓާއި ގަސްފިނޮޅާއި ބޮޑުފިނޮޅާއި ގަމާއި މާންދުއާ ކައްދޫ އެއީ އެއް ރަށެވެ. ރީތި މުއްސަނދި، ވަރުގަދަ އިގްތިސާދެއް އޮތް ތަނެކެވެ. އަތޮޅުގައި ދެންހުރީ ދުނިޔޭގެ އެއް ނަމްބަރު ރިސޯޓުތަކާއި ސައެންސްވެރިންގެ ތަހުލީލުތަކަށް ހާއްސަ ދެތިން ފަޅުރަށެވެ. “މޯލްޑިވްސް ރިސާޗް ސެންޓަރު” ހިންގަނީ އޭގެ ތެރެއިން ދަނބިދޫގަ އެވެ. އެތާނގައި ސައެންސްވެރިންނާއި އާކިއޮލޮޖިސްޓުން ފިކުރު ހުސްކުރަމުން ދަނީ ހުޅިޔަންދޫގައި ހުންނަ ހަނދަރު ރަސްގެފާނުގެ ޒިޔާރަތުގެ ހަގީގަތް ހޯދާށެވެ. އެންމެ ފަހުން ހަބަރު ސުރުހީތަކަށް އެރީ ސައެންސްވެރިން ދަނބިދޫގައި ތަހުލީލު މަސައްކަތްތައް ފެށި ވާހަކަ އެވެ.

ތަހުލީލު ކޮޓަރީގައި ބަަލައި، ފީވެގެން ނުދާނެ ގޮތަށް ބޭސްލާފައިވާ ބޮމައެއްހާ ފުޅާ، ރިޔަނެއްހާ ދިގު މުސްކުޅި ގަލުގައި ކަނޑާ ނަގާފައިވާ އަކުރުތަކާއި ކުރެހުންތައް މުހައްމަދާއި ތޯރިގު ބަލަމުން ދިޔަ އެވެ. ހައިރާންކަން ލިބެމުން ދިޔަ އެވެ. މީގެ ކުރިން ފާޅުވެފައި އޮތް ހަގީގަތަކަށް ނުވާތީ އެވެ.

ތަހުލީލީ ގޮއްވުމެއްގައި ދަނބިދޫ ބިމުގެ ފައިތަޅާއިން ނެގުނު ގަލުގެ ކެނޑުންތަކާއި ކުރެހުންބައި ބަލައި އުނގެނެމުން ދިޔަ ވަރަކަށް ދަނބިދޫގެ ގަދީމީ ތާރީހުން އާ ވާހަކައެއް ސާފުވެދާނެ ކަމުގެ ކޮޅުމަތި އެ މީހުންނަށް ފެންނަމުންދިޔަ އެވެ.

ގަލުގެ ކެނޑުންތައް އެއްވެސް ބާވަތެއްގެ އަކުރަކަށް ނުވެ އެވެ. އެކަމަކު އެއީ ރަށްވެހީންގެ ބަޔަކު ތާރީހު ރައްކާކުރުމަށް ކޮށްފައިވާ މަސައްކަތެއްކަން ޔަގީނެވެ.

ތޯރިގު ވިސްނަމުން ދިޔަ އެވެ. ދަނބިދޫ ހަނދުރު ރަސްގެފާނުގެ ފޯކްލޯރާއި އެ ގަލުން ފެންނަ ކުރެހުންތައް ގުޅެމުންދާތީ އެވެ. އޭނާގެ ހިޔާލުތަކުގެ ޒަމާން ވެސް ބެލީ ފަހަތަށް ސޮއްސައިލެވޭތޯ އެވެ. ގަދީމީ ދަނބިދުއަށް ވަގުތުގެ ދަތުރެއް ކުރެވޭތޯ އެވެ. އެތަކެއް ހާސް އަހަރު ފަހަތަށްދާ ދަތުރެކެވެ.

“މި އަތޮޅުގައި ކިޔައި އުޅޭ ގޮތުން ހަނދަރު ރަސްގެފާނަކީ ރައްޔިތުންނާ ގުޅުން ބެހެއްޓުމުގައި ކޮންކަހަލަ ރަސްކަލެއް؟” ދުވަސްވީ މީހަކާ ތޯރިގު ސުވާލުކުރި އެވެ.

“ހަނދަރު ރަސްގެފާނަކީ މާތް އަހުލާގެއްގެ ވެރި ރަސްކަލެކޭ އެއްއިރެއްގައި ވެސް ކިޔައެއް ނޫޅޭ،” އެ މީހާ ބުނެދިނެވެ.

“ކޯފާ ގަދަ ރަސްކަލެކޭ ކިޔައި އުޅޭތަ؟”

“އަސްތާ ކޮޅުނެތް ކޮޅަށް،”

ތޯރިގު ބޯ ހަލުވައިލި އެވެ. ދުނިޔޭގެ މުއްސަނދި ތާރީހު ގަލުގެ ފުރޭމްތަކުގައިވާ ގޮތް ސައެންސްގެ އެހީގައި ބަލައި ފަސްމަގުގެ ދައުރު ސިފަކުރުމަށް އޭނާގެ ސިކުނޑިއަށް ފުރުސަތެއް ލިބުނެވެ. މަޑުމަޑުން ހުޅުވެވުމުން މަންޒަރު ފެންނަމުން އެނގެމުން ދިޔަ އެވެ.

***

ކޯފާ ގަދަކުރެއްވުމާއި ގޮށްމުށުގެ ބާރު ހިންގެވުމުގައި ހަނދަރު ރަސްގެފާނަކީ އިންތިހާ އެވެ. ކޮއިލުތެރޭގައި ނާޗަރަންގީ ކުޅުއްވައި ކޮށީގައި ކުޅިޖައްސަވަ އެވެ. ވެޔޮމަތީ ކުޅިސަމާ ހަމަކުރެއްވުމާއެކު ރާފޮދު ހިއްޕަވާ އުޅުއްވަ އެވެ.

ރަސްގެފާނު ގޯވާ އިން ކައިވެނި ބައްލަވައިގަތް ރަނިކަމާނާ އަކީ ވަގަށް ނެންގެވި ކަމަނާއެއް ކަމަށް ވިދާޅުވެގެން ވެލާނާ މަނިކުފާނުގެ ދުވަސް ދުއްވައިލީ އަނދަނގޮނޑިޖަހައި ފަނާލާފައި ހައްދޫ ކަނޑައް ފައްތައިގެނެވެ. ހައްދޫ ކަނޑު ދެބައިވާއިރު ހަނދަރު ރަސްގެފާނު އަނދަގޮނޑިޖެހި ވަޒީރު ކަނޑުފެއްތި ހިސާބޭ ރަށްވެހިން މިހާރު ވެސް ކިޔައި އުޅެ އެވެ.

ރަސްގެފާނުގެ އަނބިކަމަނާ ބަލައި ގުރާބެއްގައި ގޯއާގެ ދުޝްމަނުންގެ ބަޔަކު މާސިންގާ ބަޑިތައް ދައްސޫރަކޮށް ދަނބިދުއަށް ލެފުމާ ކައިރިވަމުންދާ ކަމުގެ ބިރުވެރި ހަބަރު ރަސްކަމުގެ ދަރުބާރަށް ފޯރީ ކުއްލިއަކަށެވެ.

“ކަނޑިބަނޑިއާ ލޮންސީގެ ބާރުންނޭ. ހަލާލު އަންބެތް! ހަލާލު އަންބެތް! ހަލާލު ފިރިއަކާ ވަކިކުރެވޭނީ ދުޝްމަނުންގެ ކޮން ބަޔަކަށް؟ ކަނޑިބަޑިއާ ދަހަނާ އަޅައިގެން ނުކުމޭ ހަނގުރާމަކުރޭ. ދުޝްމަނުންނަށް ހަމަލާދީ ގިއްގަޅުވައިލާ،” އަމީރުންނާއި ވަޒީރުންގެ ލަފާ އެއްސެވުމުގެ ބަދަލުގައި ރަސްގެފާނު ކުރެއްވިހާ ކަމަކީ ކޯފާ ގަދަކުރެއްވުމެވެ. ކާލިގަނޑުގައި އަނބުރާފައި ހަތް ކޯއްޓޭގެ ކޮޅަށް ދިދަބައި ވިހުރުވައިލުމަކުން ހަނގުރާމަ އިއުލާނު ކުރެއްވުމެވެ.

“ފާރަވެރިން ލައި ބަންދުކުރޭ!” ރަސްގެފާނު ކަމަރު ބަންދުގައިވާ ރަަހަފޮދެއް ފަދަ ކަނޑިކޮޅު އުރައިން ދަމައިގެން ދަރުބާރާއި ކޮއިލު ބަންދުކުރުމުގެ އަމުރުމައުރޫފު ހިންގަތްޕެވެ. ރަނިކަމަނާ އިންނަވާ ކުޑަގަނޑުވަރަށް ޖާރިޔާއިންނާއި ބާނދީނާއި އާޔާއިން އިތުރުކޮށް މަރިޔާދުތަކާއި ވެޔޮތަކާއެކު ކުރުފޮށާގެ ފާރަވެރިން ލައްވައިފި އެވެ.

“މާތް ސަހިބާ ދަހާނާ އަޅައިގެން އަންނަ ދުޝްމަނުންނާ ކުރިމަތިލާނީ ކޮން ފަދައަކުންތޯ؟” ރަށުގައި އޮތީ ހަމަ އެންމެ ބަޑިއެއް! ގިނަ ސިލޭހަތަކެއް ނެތް އަދި އެއަށްވުރެ ހެވިން މާ މަދު،”

“ފިރިހެނުންގެ ބުއްދިއަކީ އެކަތަ މިއަލަންޏެއް ނޫންތަ؟ މި ދަރުބާރުގައި ތިޔަ ތިބީ ފިރިހެނުންނެއް ނޫންތަ؟ ފިރިހެނުން ތިބޭންވާނީ ދޮލަނގު ކައިރީގައި ރަނޑު އަންހެނުން ތިބޭ ފަދަކުންނޫން. ހަނގުރާމައަށް ނުކުމޭ އަތުގެ ހަނިދާރަތައް ދިއްކުރޭ،” ހައްތާ ކޯފާ ގަދަވަމުންދިޔަ އެވެ.

އިންޒާރުގެ ހަބަރާއެކު ދަނބިދޫގައި ހަނގުރާމަ އިއުލާނުކުރިތާ ހަތްދުވަހުގެ ރޭގެ ހަތަރު ފުޅިއަށް ޖަހައި ރަށް ހިމޭންވެފައި ވަނިކޮށް ފުއްޓަރާ ދިމާއިން ރިޔާތައް ވައްޓައިލި ގުރާބަކުން، އާރުކާޓީ ހިފުމަކާ ނުލައި ދުޝްމަނުން ބަޑިޔާއި ޒަންބިޔާތައް ހިފައިގެން އަރައި ރަށުތެރެއަށް ފެތުރިގަންއިރު ހަނދަރު ރަސްގާފާނު ހުންނެވީ ކޮއިލުގައި ރަނިކަމަނާ އަށް ހާއްސަ ކުޑަ ގަނޑުވަރުގަ އެވެ.

“މި ދުޝްމަނުންނަކީ ކަމަނާގެ އާއިލީ މީހުން ކަމުގައި ނޫނީ ނުވާނެ. އަހަރެންގެ މި ކަނޑިން އެ އެންމެންގެ އަރިކަށީގެ ފޫ ދުއްވާލާނަން،” މަރިޔާދުގައި އިންނެވި ރާނީގެ އޮޅަލި މޫނުގައި ބޮސްދީ ލޯބިކުރައްވާފައި ރަސްގެފާނު ކޯފާގެ ބަސްތައް ހިމުން ކުރައްވަމުންގެންދެވި އެވެ.

“ތިޔަހެންވާނީ ކިހިނެއް؟ މަނިކުފާނު އެކަންޏަކު ތިޔަކަމެއް ހިލާ ނުވާނެ. އެމީހުން ހެވި ކަމަށް ގަދަވާނެ.”

“ކަމަނާ ދެކިއެއް ނުލައްވަމުތަ މިތާނގައި ތިބި ފާރަވެރިންނެއް. ހަނގުރާމައަށް ވަނީ އަމުރުކުރެވިފައި. ހަތް ކޯޓޭއަށް ދިދަ އުފުލިއްޖެ.”

“އެކަމަކު އޮތީ އެންމެ ބަޑިއެއް ނޫންތޯ؟” އެ ކަމަނާ ކީރިތި ކުރައްވަމުން ރަސްގެފާނުގެ ބޮނޑިމަސް ކޮނޑުފުޅުގައި ބޯ ޖެއްސެވި އެވެ.

“އަހަރެން ގެންދިޔަ ނުދެއްވާ! ހަނގުރާމަ ވަރުގަދަކުރައްވާ!”

އެތެރެކޮއިލާ ދިމާއަށް މޫނުލައިގެން ގޯއާގެ ދުޝްމަނުންގެ ބަޑީގެ އުންޑަތައް ބުރުއްސަމުން ދިޔަ އެވެ.ފާރަވެރިންގެ ތެރޭގައި ހޭހުރި އެކަކުވެސް ނެތުމާއެކު އެވެރިންގެ މެޔަށް ޒަންބިޔާތައް ގޯޅައި އަރިކައްޓާއި މޭ ފަޅަމުން ދިޔަ އެވެ.

ކުޑަގަނޑުވަރާ ހަމަށް ދަމުން ތަންތަންތާނގައި ހުޅުލާން ފެށިއްޖެ އެވެ. ދަނބިދޫ ފެންވި އަލިފާނޭ ކިޔުނު ހުޅުގަނޑު ރަށަށް ފެތުރި ގޭގެއިން އެކަކުމެ ސަލާމަތްނުވެ އެންމެން އަނދައި ހުލިވެއްޖެ އެވެ.

ރަށުގައި އޮތް ހަމައެކަނި ބަޑި އާއި ވަފާތެރިންނާއެކު ހަނދަރު ރަސްގެފާނަށް ދުޝްމިނުންގެ މައްޗަށް ބާރު ފޯރުވޭ ވަރު ނުވެ އުޅެނިކޮށް ގަނޑުވަރުގެ ކޯއްޓޭ މަތިން ބަޑިތަޅައިގެންފި އެވެ. ލަހެއް ނެތި އަދުއްވުން ވަދެގަނެ ރަސްގެފާނާ ރާނީ ދެތަންކޮށްފޫ އެވެ.

ސުވާލެއް ނެތެވެ. ރަސްގެފާނުގެ ދެފައިންޕުޅުގައި ހިލިހިލާ ޖަހައިގެން ދަމާހަލާ ގެންގޮސް ދިޔަރެސް މައްޗަށް ވައްޓާލައި ތޫނު ޒަންބިޔާތަކުން ރަސްގެފާނުގެ ފުރާނަ އުދުއްސައި އަވަހާރަކޮށްލުމަށްފަހު ފިނޮޅު ބަނޑަށް ލައްކޮށްފައި އޮތް ފުށީ ޚަތީބު އޮޑިއަށްލައި މަށޮޅަ މަތިން ކަނޑަށް ބޭރުކޮށްފި އެވެ.

އަދުއްވުން ރަށަށް އަރައި ކޮއިލުގެ އަގުހުރި މުދަލާއި މައުދަނާއި ރަންރިހީގެ ގަހާނާތައް ފޭރިގަނެގެން ގުރާބުގެ ރިޔާތައް ކޮށާލައި ދަތުރު ފަށައިފި އެވެ.

އަވަހާރަކޮށްލި ހަނދަރު ރަސްގެފާނު އޮތް އޮޑި ބައްސާލުމުން ކަނޑުގެ އޮޔާއި ޖައްވުގެ ވައިގެ އޯގާތެރިކަމުން މަޑުމަޑުން މަޑުމަޑުން ގެންގޮސް ހުޅިޔަންދޫ ފުއްޓަރަށް ލައްގައި ރާޅާއެކު ގުދުރަތީ ގޮތެއްގައި ވަޅުލެވުމުން ދަނިކޮށް ހުޅިޔަންދޫ ރަށްވެހިން ނުކުމެ އޮޑީގެ ވަކަރުތަކުން ޒިޔާރަތެއް ހަދައިގެން އުޅެގެންފި އެވެ. ބަރޮސް ބަލީގެ މީހުންގެގާގައި ފޮޅި އަޅާ ޒިޔާރަތެއް ކަމުގައި އެތަން ހަދައި މާތް ކޮށްފޫ އެވެ. (ނިމުނީ)

އާދަމް ހަލީމް

ހަވީރު ޑެއިލީ، 27 ސެޕްޓެމްބަރ 2007 00:00

މަސްދަރު: ހަވީރު

އާއި ބެހޭ އިބްރާހިމް ރަޝީދު

😂👊

މިވެސް ކިއުއްވާލައްވާ

ފަތިސް ހަނދުވަރުގެ ފެށުން

މެންދުރުގެ އެންމެ ހޫނު ގަދަ ވަގުތެވެ. ވައިރޯޅިއެއް އަމުދުން ނުޖެހެއެވެ. ރަށުގެ މަގުތައް އޮތީ ފަޅުވެފައެވެ. އެ ހޫނުގައި ފިހެން …