ކުއްލި ހަބަރު
ފުރަތަމަ ސަފުހާ / ފެޝަން / ދުޅަހެޔޮ ސިއްހަތު / ޤަވައިދުން ކަސްރަތު ކުރުން މުހިންމު!

ޤަވައިދުން ކަސްރަތު ކުރުން މުހިންމު!

ބައެއް ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި ކަސްރަތު ކުރުމުގެ ބޭނުމަކީ މީހާގެ ބަރުދަން ލުއިކުރުމާއި ހަށިގަނޑުގެ މަސްތައް ވަރުގަދަކޮށް، މީހާގެ ބާރުގަދަ ކުރުމެވެ. ނަމަވެސް ކަސްރަތު ކުރުމުން ލިބޭ ހަމައެކަނި ފައިދާއަކީ އެއީއެއް ނޫނެވެ. ގިނައިން ހެލިފެލިވެ އުޅެ، ގަވާއިދުން ކަސްރަތު ކުރުމަކީ، އިންސާނާ ތަފާތު ބަލިމަޑުކަކުން ސަލާމަތްވެ، ދުޅަހެޔޮ ސިއްހަތެއްގައި ހުރުމުގެ ބިންގަލެއް ވެސް މެ އެވެ.

ދުޅަހެޔޮ ސިއްހަތެއްގައި ދުނިޔޭގައި ގިނަ ދުވަހު ހުރުމަށް ގަވާއިދުން ކަސްރަތު ކުރުން ނުވަތަ ގިނައިން ހެލިފެލިވެ އުޅުމަކީ ވަރަށް މުހިއްމު ކަމެކެވެ. ނަމަވެސް ގަވާއިދުން ކަސްރަތު ކުރުމަކީ ގިނަ މީހުންނަށް އެހާ ފަސޭހަ ކަމެއް ނޫނެވެ.

ހަށިގަނޑަށް ގެންނަ ކޮންމެ ހަރަކާތަކުން ގައިގައި ހުންނަ ސަރުބީތައް ވިރުވައިދޭ ކޮންމެ ކަމަކީވެސް ކަސްރަތެކެވެ.

ދުވުމާއި، ހިނގުމާއި، ނެށުމާއި ފެތުމަކީވެސް ކަސްރަތު ކުރެވިދާނެ ގޮތްތަކެވެ. ޤަވައިދުން ކަސްރަތު ކުރުމަކީ، ޖިސްމާނީ ގޮތުން އަދި ނަފްސާނީ ގޮތުންވެސް ދުޅަހެޔޮ ޞިއްޙަތެއްގައި ހުންނަން ބޭނުންވާ ކޮންމެ މީހަކުވެސް ކުރުން މުހިންމު ކަމެކެވެ. މި ލިޔުމުގައި މި ހިމަނާލަނީ ކަސްރަތު ކުރުމުން ލިބޭ ބައެއް ފައިދާތަކަށެވެ.

ކަސްރަތު ކުރުމަކީ އުފާވެރިކަން އިހްސާސްކޮށްދޭ ކަމެއް:
މޫޑު ރަނގަޅުކޮށްދީ، އިންސާނާގެ ހިތަށްވެރިވާ ނުތަނަވަސްކަން ފިލުވައި ލުމަށް ކަސްރަތު ކުރުމަކީ، ވަރަށް މުހިންމު ކަމެކެވެ. ސިއްހީ މާހިރުން ބުނާގޮތުގައި ޤަވައިދުން ކަސްރަތު ކުރާނަމަ، އިންސާނާ އުފާ ކުރުވާ ހޯމޯންސް އިތުރު ކޮށްދޭނެއެވެ. ޑިޕްރެޝަން ހުރި 24 އަންހެނަކު ބައިވެރިކޮށްގެން ކުރި ދިރާސާއަކުން ހާމަވެފައިވާ ގޮތުން ކަސްރަތު ކުރުމުން އެމީހުންގެ ޑިޕްރެޝަންއަށް ވަރަށް ބޮޑު ލުޔެއް ލިބިގެން ގޮސްފައިވެއެވެ. އަދި އިތުރު ދިރާސާއެއްގައި ޤަވައިދުން ކަސްރަތު ކުރަމުން އައި 26 މީހަކު ކަސްރަތު ކުރުން ހުއްޓާލުމުން ހިތަށް ނުތަނަވަސްކަންވެރިވެ، ނެގެޓިވް މޫޑް އިހްސާސް ކުރަން ޖެހުނުކަން ވަނީ ފާހަގަކުރެވިފައެވެ.

ބަރުދަން ލުއިކުރުމަށް އެހީއެއް:
މިއީ ގިނަ މީހުން ކަސްރަތު ކުރާ މައިގަނޑު ސަބަބެވެ. ބަރުދަން ލުއި ކުރުމަކީ ކަސްރަތު ކުރުމުން ލިބޭ އެންމެ މުހިންމު އެއް ފައިދާއެވެ. އެގޮތުން މެޓަބޮލިކް ރޭޓް އިތުރު ކޮށްދިނުމުގެ ސަބަބުން ކަސްރަތު ކުރާ މީހުންގެ ބަރުދަން ލުއިވެގެން ދެއެވެ.

ސިކުނޑީގެ ދުޅަހެޔޮކަން:
ކަސްރަތު ކުރުމަކީ ސިކުނޑީގެ ދުޅަހެޔޮކަން އިތުރުކޮށްދޭ ކަމެކެވެ. އެގޮތުން ހަނދާން ވަރުގަދަ ކޮށްދިނުމާއި، ރަނގަޅަށް ކަންކަން ވިސްނައިގަނެވުމަކީ ސިކުނޑީގެ ދުޅަހެޔޮކަމުގެ ތެރެއިން އިންސާނާއަށް ލިބިގެންދާނެ ފައިދާތަކެވެ.

ހަށިގަނޑަށް އަރާމު ލިއްބައިދީ ނިދަން ފަސޭހަވުން:
ރޭގަނޑުގައި ނުނިދިގެން އުޅޭ މީހުން ޤަވައިދުން ކަސްރަތު ކުރާނަމަ، އެކަން ބަދަލުވެދާނެ ކަމަށް ޞިއްޙީ ތަޖުރިބާކާރުން ބުނެއެވެ. އެހެނީ ކަސްރަތު ކުރުމަށްފަހު ހަށިގަނޑަށް އެކަމުގެ ސަބަބުން އަރާމު ލިބި އަވަހަށް ނިދޭގޮތް ވެއެވެ.

މި ޒަމާނުގައި، ގަވާއިދުން ކަސްރަތު ކުރުމަކީ ބައެއް ފަރާތްތަކަށް އުނދަގޫ ކަމަކަށް ވިޔަސް، މިއީ ޒަމާނީ ވަސީލަތްތަކުގެ އެހީގައި ވަރަށް ފަސޭހައިން ކުރެވެން ވެސް އޮތް ކަމެކެވެ. މިފަދަ ވަސީލަތްތަކުގެ އެހީގައި ކަސްރަތު ކުރަން ފެށުމުން އިސާހިތަކު ނަތީޖާ ނެރެވޭތަން ވެސް ފެނެ އެވެ. އެހެންކަމުން ކަސްރަތު ކުރަން ފަށައިގަންނަން ބޭނުންވެފައިވާ ފަރާތްތަކަށް އެކަން ކުރިއަށް ގެންދެވިދާނެ އުސޫލެއް ވެސް މިތާނގައި ހިމަނާލާނަމެވެ.

ކަސްރަތު ކުރަން ފަށައިގަންނައިރު، އެންމެ މުހިއްމު އެއް ނުކުތާއަކީ ކަސްރަތު ކުރަން ތިމާ ފަށަނީ އެއިން ފައިދާ އާއި ހިތްހަމަޖެހުން ލިބިގަތުމަށް ކަމަށް ހިތުގައި އަޒުމު ކަނޑައެޅުމެވެ. ދެވަނަ ނުކުތާއަކީ ކަސްރަތު ކުރުމަށްޓަކައި ގަޔާވެގެން އަބަދުވެސް ކުރެވޭ ކަހަލަ ހަރަކާތްތަކެއް ހިޔާރުކުރުމެވެ. މިސާލަކަށް، ހިތްގައިމު ރީތި ތަނެއްގައި ހިނގާލަން ދިއުން، ނުވަތަ ގާތް ރައްޓެއްސަކާ އެކު ދުވަން ދިއުން ކަހަލަ، ތިމާ ހިތްހަމަޖެހޭ ކަމެއް ޚިޔާރު ކުރެވިދާނެ އެވެ. އެފަދަ ކަސްރަތެއް ކޮށްގެން ތިމާއަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދޭ ނަމަ، ގަވާއިދުން އެކަމެއް ކުރުމަށް ބާރު އެޅިދާނެ އެވެ.

ރިފަރެންސް: އެޓޯލްނިވުސް

އާއި ބެހޭ އިބްރާހިމް ސިހާމް

މިވެސް ކިއުއްވާލައްވާ

ޑިޕްރެޝަން ހުންނަ މީހަކަށް އެހީ ވާނީ ކިހިނެތް؟

 ބަލި ހުންނަ ދުވަސްވަރު ބަލި މީހާ އެކި ތަފާތު ވާހަކަތައް ދެއްކުން އެކަށޭނައެވެ. ނަމަވެސް އެމީހުން ދައްކާ ވާހަކައަށް ރައްދު …